ޤަވައިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 58 ކާރާއި 180 ސައިކަލް ނައްތާލަން ތައްޔާރުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ޤަވައިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުރުމުން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި އުޅަނދުތައް ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އެގޮތުން ނައްތާލުމަށް ނިންމާފައިވާ އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުންނަ ވެހިކަލްތައް ނައްތާލާފައެވެ.

ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކާއި މަގުމަތީގައި ގިނަ ދުވަސް ވެފައި ހުންނަ ވެހިކަލްތައް ނެގުމުގެ ބާރު ފުލުހުންނަށް ޤާނޫނީ ގޮތުން ލިބެއެވެ. އެފަދަ ވެހިކަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކުރެއެވެ. ވެހިކަލްތައް ނައްތާލަނީ ފުލުހުން ދީފައި އޮންނަ މުއްދަތުގައި ވެރިފަރާތުން ވެހިކަލްތަކާއި ހަވާލު ނުވުމުންނެވެ.

އާއްމު ގޮތެއްގައި ވެރިފަރާތުން ހަވާލު ނުވަނީ ބާވެފައި ހުންނަ ވެހިކަލްތަކާއި ކޮންމެވެސް ސަބަބަކާއި ހުރެ ޖޫރިމަނާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުން

    އަޅޭ މާތްﷲ ގެ މަގުގައި ތިޔަ ތަކެތި ސަދަގާތް ކުރަމާ

    4
    1
  2. ކޮރަލް

    ނައްތާލާއިރު ނޫސްވެރީން ނަށް ދައުވަތު ދިނުން ރަނގަޅެވެ.

  3. ޚާން

    މީސްތަކުންގެ މުދަލަށް އަރައިގަތުމުގެ ބާރު ﷲ މީސްތަކުންނަށް ނުދެއްވާ. ނަމަވެސް ތާޣޫތީ ނިޒާމުން ކަލޭމެންގެ ރައްބުން ކަމަށްވާ މަޖިލިސް މެމްބަރުން ވަނީ އެ ބާރު ކަލޭމެންނަށް ދީފައި.

    4
    1
  4. މާމިގިލީ މީހާ

    ނައްތާލުމުގެ ބަދަލުގައި އަގުހެޔޮކޮށް ވިއްކާލުން މާ ރަނގަޅުވާނެ.. ސަރުކާރުން މި ވިސްނުން ގެންގުޅިބަލަ..

    4
    1
  5. ެިއިލޫ

    އިސްރާފް ކުރުމަކީ ދިނުގައި ނަހީ ކުރައްވާފައިވާ ކަމެއް. ތި އެއްޗެހި ވިއްކާލައިގެން ނަމަވެސް ލިބޭ ފައިސާ ހާލުގައި ޖެހިފައިވާ މުސްލަިމުންނަށް ސަދަޤާތް ކުރުން މާރަގަނޅު. މި ސަރުކާރުން މިކަމާއިމެދު ވިސްނުން އެދެން .