ފަންނީ ދާއިރާތަކުން މީހުން ތަމްރީން ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި، ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީ.އީ.އޯ، އަޙުމަދު ނާޞިރެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެެއްވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޙަސަން މުޣުނީ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުން ހިންގާ ޕްރޮގްރާމުތަކަށް ސްޓެލްކޯއިން ދެވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށާއި. މީގެ ކުރިންވެސް މި ދެ ފަރާތް މަސައްކަތްކޮށްފައިވަނީ ވަރަށް ގާތް ގުޅުމެއްގެ ތެރެއިން ކަމަށެވެ.

"ކޯސްތައް ކުރިއަށްގެންދާއިރު އަޅުގަނޑުމެންނަށް އިތުރު އެހީތެރިކަން ދެވޭނެ. އެކި ރޮނގު ރޮނގުން އަޅުގަނޑުމެން އެހީތެރިކަން ދެމުން ގެންދާނަން. މިސާލަކަށް މި ކުންފުނީގެ ވަކި ފެސިލިޓީއެއް ބޭނުން ކުރަން ވެއްޖެނަމަ އެ އޮންނަ އުޞޫލެއްގެ ދަށުން އަޅުގަނޑުމެން އެ އެހީތެރިކަން ދެމުން ގެންދާނަން." މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯ އާއި ޕޮލިޓެކްނިކް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ސްޓެލްކޯ އާއި ޕޮލިޓެކްނިކް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި އެއްބަސްވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ، އަޙުމަދު ނާޞިރު ވިދާޅުވީ، އެ އިންސްޓިޓިއުޝަންގެ ފަރާތުން މިހާރުވެސް ގިނަ ކޯސްތަކެއް ހިންގަމުން އަންނަ ކަމަށާއި، ސްޓެލްކޯއާއި އެކު މި ވެވުނު އެއްބަސްވުމުގެ ދަށުން، ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"މޯލްޑިވްސް ޕޮލިޓެކްނިކްގެ މެންޑޭޓަށް މިއައި ބަދަލާއި އެއްކޮށް، އަޅުގަނޑުމެންގެ މުޙިއްމު އެއް ބޭނުން ދިވެހި ޒުވާނުންނާއި ދިވެހި މަސައްކަތްތެރިން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުމާއި، މިހާރު އެކި އިންޑަސްޓްރީތަކަށް ބޭނުންވާ މީހުން ބިނާކުރާނެ ދާއިރާތަށް ދެނެގަނެ އެ ދާއިރާތަކަށް އެކަށީގެންވާ މީހުން ބިނާކުރުން. އެނގިލައްވާނެ ފަދައިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އެކަންޏެއް ނޫން، ހުރިހާ ދާއިރާއަކަށް ބަލާލިކަމުގައިވިޔަސް، ހުރިހާ އިންޑަސްޓްރީ ތަކެއްވެސް މިދަނީ ވަރަށް ބޮޑަށް ރިފޯމް ވަމުން." ނާޞިރު ވިދާޅުވިއެވެ.

އެކި އެކި ފަންނީ ރޮނގު ރޮނގުން މީހުން ބިނާކުރުމަށް، މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ތަފާތު ގިނަ ކޯސްތައް ހިންގަމުންނެވެ. އެގޮތުން ފަސް ދާއިރާއަކުން ޖުމްލަ 390 ދަރިވަރުން މިހާރުވެސް ދަނީ ތަމްރީން ޙާޞިލުކުރަމުންނެވެ.