ނޫސްވެރިކަމުގެ ދާއިރާގައި 13 އަހަރު ވަންދެން އުޅުނު ޕީއެސްއެމްގެ ކުރީގެ ނޫސްވެރިޔާ، ހަފްސީ އަބްދުﷲ ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް ހަފްސީ އިއްޔެ އައްޔަން ކޮށްފައިވާއިރު، އެ މަގާމަކީ ހޯމް މިނިސްޓްރީގެ މީޑިޔާގެ އެންމެ މަތީ މަގާމުކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ކުރިއަށް ދަނިކޮށް ޕީއެސްއެމްގެ މަގާމުން އިސްތިއުފާދިން ހަފްސީ ވަނީ 13 އަހަރު ދުވަސް ވަންދެން ޓީވީއެމްގައި ޚިދުމަތްކޮށްފައެވެ. އޭނާ ޚާއްސަ ވެގެން ގޮސްފައިވަނީ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައެވެ.

އިސްތިއުފާ ދިނުމަށް ފަހު އޭރުގެ ސަރުކާރަށް ފާޑުވިދާޅުވި ހަފްސީ ވަނީ ނިމިގެން ދިޔަ އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައެވެ.