ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިން ކަމަށްވީ ހިނދު، އެކަމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށާއި، މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު، ހަރުދަނާ، ޢިލްމީ އަސާސްތަކުގެ މައްޗަށް ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ނައިބު ރައީސް ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސް ފެށުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޤާނޫނު އަސާސީން، ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްކަމަށާއި އެހެންކަމުން، ޝަރުޢީ ދާއިރާ ހަރުދަނާކުރައްވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންސާފު ނެގެހެއްޓުމުގައި ޤާބިލުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތަކީ އެއީ ކަމަށެވެ. އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ، އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށްދެއްކެވި ވާހަކަފުޅުގައި މި ފަދަ ކޮންފަރެންސްތަކަކީ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް ޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު، މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، އަދި ސްޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ނައިބު ރައީސް ވިދާޅުވިގޮތުގައި، އަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެގެން ނުދާނެ ކަމަށެވެ.

އަދި، މިއިން ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްޢޫލިއްޔަތުގެ މަތިވެރިކަމާއި ޢަދުލުވެރިކަމުގެ މުހިންމުކަން ކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ދޮންކަލޯ ކަލޭމެންނަކަށް ތިޔަކަމެއް ނުވާނެ. އެހެނީ ތިޔަކަން ކުރަންޏާ އެއްމެފުރަތަމަވެސް ޖެހޭނީ ރީނދޫ ރޫޙާނީ ގުރޫޖީ ކަމަށްވާ އަންނި އަނބުރާ ޖަލަށް ފޮނުވާށެވެ. އެއީ ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން ޖަލުޙުކުމުން ބޯދަމައިގެންފައިވާ ޓެރަރިސްޓް އަކަށް ވާތީއެވެ.

  2. ނިޝާ

    މީނައަށް މި އެގެނީ މީހަކު އެއްޗެއްގޮވީމާ ހަމަ އެއެތި އެގޮތަށް ގޮވަން ހެއްޔެވެ؟ ވެރިކަން ވެއްޓެން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ކެވުނުއެއްޗެއްކައި އަތުޖެހުނުއެއްޗެއް ފޮރުވަައި ތަންމަތި ބެދެގެން ތިބޭށެވެ.