ފުލުހުންގެ ބަންދުގައި ބަހައްޓަައިގެން މީހަކު ކޯޓަށް ހާޒިރު ކުރަން ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން އޭނާ ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / ވެލްސާ، މުޙައްމަދު ވަލީދު (47އ) އެވެ.

މުޙައްމަދު ވަލީދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 20ވަނަ ދުވަހުގެ 12:00ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށްއެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މުޙައްމަދު ވަލީދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.