ރައީސް ޔާމީން މާފުށީ ޖަލުގައި ބަހައްޓާފައި ހުންނެވީ އޭސީކޮށްފައި ހުންނަ، ހުރިހާ ހިދުތަމެއް ލިބޭނެ ފެންވަރުގެ ގޮޅިއެއްގައިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އަހުމަދު ލުގުމާނު ވިދާޅުވީ، ރައީސް ޔާމީން ބަހައްޓާފައި ވަނީ އެހެން ކުށްވެރިންނާ ހިލާފަށް "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް" ގޮޅިއެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ގޮޅިތަކަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތަކުގައި ގޮދަނޑިއެއް ހުންނަ އެނދަކާއި، އޭސީއާއި، އެއްޗެހިދޮންނަ އޮޓޯ މެޝިނަކާއި، އައިސް އަލަމާރި ވެސް ހުރެއެވެ. އަދި ފާހަނަ ހުންނަނީ ހޫނު ފެނާއި، ފިންފެނުންވެސް ފެންވެރޭ ގޮތަށެވެ.

އެނގިފައިވާގޮތުގައި، ޔާމީން އޮންނަވަނީ އެކަންޏެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އޮންނެވީ އޭގެ ގޮޅިއެއްގައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ވަނީ އަމުރުކޮށްފައެވެ. ދައުލަތުގެ ވަކީލު އާއިޝަތު މުހައްމަދު ވިދާޅުވެފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށާއި، ދައުލަތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދުނީ އެހެންވެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމަހަމަ

    އެންމެން ބަންދުކުރީމަ ހަމަހަމަ ނުވަނީ ކީއެއްވެ.

    8
    81
  2. ޢާދަނު

    ޜައީތުން ރުފިޔާއިންވައްކަންކުރީމަ އޭސީގޮޅި