ޖަޕާން ސަރުކާރުން ހިންގާ ގްރާންޓް އެސިސްޓަންސް ފޯރ ގްރާސްރޫޓް ޕޮރޮޖެކްޓްގެ (ޖީގީޕީ) ދަށުން ގދ. ރަތަފަންދޫ ސްކޫލްގައި ޢިމާރާތް ކުރަން ހަމަޖެހިފައިވާ 2 ކްލާސްރޫމްގެ އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޖީޖީޕީގެ ދަށުން ރަތަފަންދޫ ސްކޫލްގައި ހިންގާ މި ޕްރޮޖެކްޓް ހިންގާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާއި އެ ސްކޫލާއި ގުޅިގެން ސީދާ ސްކޫލްގެ ބެލުމުގެ ދަށުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ސްކޫލްތައް ބާރުވެރި ކުރުމުގެ ވަޢުދުގެ ދަށުން މިޕްރޮޖެކްޓްގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ސީދާ ސްކޫލުންނެވެ. މިގޮތުން ކޮންޓްރެކްޓަރަކު ހޯދުމާއި މަސަކަތް ބެލެހެއްޓުން ފަދަ ކަންކަން ކުރާނީ ވެސް އެސްކޫލުންނެވެ. މިޕްރޮޖެޓްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ދައުރަކީ ސްކޫލަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރަތަފަންދޫ ސްކޫލްގައި މިހިންގާ ޕްރޮޖެކްޓްގެ ސަބަބުން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ޤާއިމްކުރެވިގެންދާނެއެވެ. މިގޮތުން މިޕްރޮޖެކްޓް ނިމުމުން ސްކޫލްގައި ސައިންސް ރޫމެއްގެ ޚިދުމަތާއި އޯޑިއޯވިޝުއަލް ރޫމެއްގެ ޚިދުމަތް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މިޕްރޮޖެޓް ނިންމުމަށް ހަމަޖެހިފައިވަނީ ކޮޓްރެކްޓާރާއި މަސައްކަތް ހަވާލުކުރާދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައިއެވެ.

ޖަޕާނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެކިއެކި ރޮނގުތަކުން ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ޤައުމެކެވެ. މިގޮތުން ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރ (ޖޭއޯސީވީ) މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ރާއްޖޭން ލިބުންދަތި ޚާއްޞަ ފަންނުތަކުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ވޮލަންޓިއަރ ޓީޗަރުން ހަމަޖައްސަވައިދެއްވައެވެ. އެ ފަންނުތަކުގެ ތެރޭގައި މިއުޒިކް ޓީޗަރުންނާއި ފިޒިކަލް އެޑިޔުކޭޝަން އަދި ބޭންޑް އިންސްޓްރަކްޓަރުން ފަދަ ފަންނުތައް ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުން މި ރޮނގުތަކުން ޖަޕާނަށް ފޮނުވައިގެން ޓްރޭނިންގ ދިނުމާއި، ސްކޫލްތަކުގެ ދަރިވަރުން ޔަންގް ލީޑަރސް ޕްރޮގްރާމްގެ ތެރޭން ފުރުޞަތުތައް ދަނީ ދެއްވަމުންނެވެ.