ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ބަންދުކޮށްފައި ހުރި ގޮޅިން ގަދަކަމުން ފާރިސް ނެރެން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ފާރިސް އަށް އަނިޔާވެފައިވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ހަވީރު 17:00 ހާއިރު ހަ ފުލުހަކު ފާރިސްގެ ގޮޅިއަށް ވަދެ ބިޑިއަޅުވައިގެން ގަދަ ކަމުން ފާރިސް ގޮޅިން ނެރުނީ ޤާނޫނީ ވަކީލް ނެތި އޭނާ އާއި "އިންޓަވިއުއެއް" ކުރަން ކަމަށެވެ. ނަމަވެސް ޤާނޫނީ ވަކީލު ނެތި ތަޙްޤީޤުގައި ވާހަކަދައްކަން ފާރިސް ދެކޮޅު ހެދުމުން ޤާނޫނީ ވަކީލަށް ގުޅަން ފުލުހުން އެއްބަސްވި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ ކޮނޑަށް އަނިޔާވެގެން އިތުރު ޓެސްޓްތަކެއް ހަދަން ދޫނިދޫގައި ހުންނަ ޑޮކްޓަރު ލަފާދެއްވިތާ 24 ގަޑިއިރު ވީއިރުވެސް އިތުރު ޓެސްޓެއް ހަދާފައި ނުވާ ކަމަށެވެ. ފާރިސް އަށް އަނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ރޭ ހުށަހެޅި ނަމަވެސް އަދިވެސް އެޗްއާރްސީއެމް އިން ފާރިސް އާއި ބައްދަލު ނުކުރާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ ޤާނޫނީ ވަކީލާއި އެކު ފުލުހުން މިއަދު ހަވީރު ފާރިސް އާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާއި ނަމަވެސް ނަމަވެސް ފާރިސް އަށް އަނިޔާކުރި ވާހަކަ ބަޔާނުގައި ހިމަނަން ފާރިސް ޖެހިލުން ވާތީ ބަޔާނުގައި ސޮއި ނުކުރާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސީނާ

    ގަދަ ހެދީ ކީއްކުރަން؟ނިކުންނާށޭބުނީމަ ނިކުތް ނަމަ އަނިޔާ އެއް ނުވީސް ދޯ؟

    • ބޮންދު

      6 ފުލުހުން ފާރިޝް ނެރެން ދިއުމަކީވެސް ސުވާލު އުފެދޭ ކަމެއް ދޯ

  2. އަންނި

    ގަދަ ކަމުން ނެރެން ޖެހޭނީ ގަދަ ދެއްކީމަ، އެ ކަމުގެ ޒިންމާ ނަގަންޖެހޭނީ އެ ގަދަ ހެދި މީހަކު ދެއްތޯ؟