ޖުމްހޫރީ ޕާޓީން ބިލެތްދޫ ދާއިރާގެ ޓިކެޓް ޕީޕީއެމްގެ ޓިކެޓްގައި އެ ދާއިރާ އަށް ހޮވިވަޑައިގެން ހުންނެވި އަހުމަދު މުބީނަށް ދީފައިވަނިކޮށް ޖޭޕީ ކައުންސިލް މެމްބަރު އަހުމަދު ސައުދު އަމިއްލަ ގޮތުން އެ ދާއިރާ އަށް ކުރިމަތި ލައްވައިފި އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖޭޕީ ލީޑަރު ގާސިމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ބޮޑުބޭބެ ވިދާޅުވާ ސައުދު ވިދާޅުވީ ބިލެއްދޫ ދާއިރާގެ ޓިކެޓް ޖުމްހޫރީ ޕާޓީން އޭނާ އަށް ނުދިނަސް އަމިއްލަ ގޮތުން ވާދަ ކުރަން ނިންމީ ދާއިރާގެ ރައްޔިތުން އެކަމަށް އެދޭތީ ކަމަށެވެ.

"ޖޭޕީ ޓިކެޓް ނުދިނަސް އަމިއްލަ ގޮތުން ކުރިމަތިލާން މި ނިންމީ ރައްޔިތުންގެ މި ކަމަށް އެދެމުން ދާތީ. މިހާރު ކެންޑިޑަސީ ފޯމް ހުށައަޅައިފިން" ސައުދު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި ގާސިމް ޖަލަށް ލުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި ސައުދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރެޖިސްޓަރަރ ކަންވެސް ކުރައްވާފައިވާ ބޭފުޅެވެ.

ސަރުކާރުގެ ކޯލިޝަންގައި ގާސިމްވެސް ހިމެނޭ އިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކޯލިޝަން ތެރެއިން ގޮނޑިތަކަށް ވާދަކުރުމާ މެދު ގޮތެއް ނުނިމި، ވަކިވަކި ޕާޓީތަކުން ވަނީ ގޮނޑިތަކަށް ވާދަކުރަން ނިންމާފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިމި، ކޯލިޝަން ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ އިރު، ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމްއާއި އަބްދުރަހީމް އަބްދުﷲގެ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގާސިމްއާއެކު މަޖިލީސް އިންތިހާބަށް ނުކުންނަންވެސް ނިންމާފައެވެ.

މި ކަމާއި ހެދި ޖޭޕީގެ އެތެރޭގައި ވެސް ވަނީ މައްސަލަތަކެއް އުފެދިފަ އެވެ. ޕީޕީއެމުން ވެސް ވަނީ ޖޭޕީން ވާދަކުރާ ބައެއް ދާއިރާތައް ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. عبدالله

    ގެރިބަކަރީގެ ޒުވާބު