އޮސްޓްރޭލިއާގެ ލޭބަރ ޕާޓީއިން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަށް މަރުޙަބާ ކިޔައި، ކުރިއަށް ހުރި އިންތިޚާބުތަކަށް ތައްޔާރުވުމުގައި އެހީތެރިވާން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ލޭބަރ ޕާޓީގެ ފަރާތުން، އެޕާޓީގެ އެސިސްޓެންޓް ނޭޝަނަލް ސެކްރެޓަރީ ސެބަސްޓިއަން ޒްވާފް ލޭބަރ ޕާޓީގެ ޗެއަރޕާސަން އަޙްމަދު ޝިހާމަށް ފޮނުއްވި ސިޓީއެއްގައި، ލޭބަރ ޕާޓީ ރަޖިސްޓްރީ ކުރެވިފައިވާތީ އެކަމަށް މަރުޙަބާ ކިޔާފައެވެ. އަދ މަސައްކަތްތެރިންގެ ޙައްޤުތަކާއި، އިޖުތިމާޢީ އަދާލަތު އަދި އިޖުތިމާޢީ ޑިމޮކްރަސީ ކުރިއެރުވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތްކުރެވިދާނެކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

އަދި ލޭބަރ ޕާޓީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާން ނިންމާފައިވާތީ، އެކަން ފާހަގަކޮށް، ޕާޓީގެ ލީޑަރުންނާއި ކެންޑިޑޭޓުން ތަމްރީނުކުރުމުގައި އޮސްޓްރޭލިއާގެ ލޭބަރ ޕާޓީގެ އެހީތެރިކަން ލިބޭނެކަމަށް އެ ސީޓީގައިބުނެފައި ވެއެވެ.

އަދި ލޭބަރ ޕާޓީއަށް ކާމިޔާބީއާއި ކުރިއެރުމަށް އެދޭކަމަށް އެސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ޙަރަކާތާއި، އިޖުތިމާޢީ އަދާލަތު އަދި އިޖުތިމާޢީ ޑިމޮކްރަސީގެ މައްޗަށް ބިނާވެގެންވާ، ވާތުފިޔައިގެ މެދުމިނުގެ ޕާޓީއެއް ކަމުގައިވާހިނދު، މި ބައިނަލްއަޤްވާމީ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޙަރަކާތްތަކާ ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މި ޕާޓީއިން ދަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުރާ

    ޔަގީން....
    ތީ ގަމުން ބޭރު ޕާޓީއެއް

  2. ހުސޭނުބޭ

    ތި ޕާޓީވެސް ރަގަޅުވާނީ އޮސްޓްރޭލިޔާގެ އިންތިޚާބުތަކުގައި ވާދަކުރިއްޔާ!