ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްދިނުމަށް އެދި ޕީޕީއެމް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީ އިން މަޖިލީހަށް ހުށަހަޅައިފައިވާނެ ކަމަށް އެ ދެޕާޓީ ނިސްބަތްވާ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ޕްރޮގްރެސިވް ކޯލިޝަންގެ ޕްރެސްގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، އެ ދެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި، ދިވެހި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގައިވާ ހައްގުތައް ކަށަވަރު ކޮށްދިނުން، 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުން، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު، 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން، 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުމާ ހިލާފުވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިފާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވެފައިވާ އެތައް ބައެއް އުޅެނިކޮށް، ހަމައެކަނި ރައީސް ޔާމީނަށް އުފުއްލަވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި، އެކަމަކީ ޕޮލިސް އެކްޓިން ކޮމިޝަނަރުގެ ޒާތީ ކަންތައްތަކެއް ކަމަށެވެ. އަދި އެ މައްސަލަތަކުގައި ދެން ޖަވާބުދާރީ ކުރެވޭނީ މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީއަށް ކަމަށެވެ.

މި ކަންކަމުގައި ހުރިހާ މެންބަރުންގެ ވެސް އެއްބާރުލުން ލިބިގެންދާނެ ކަމަށާއި ހުރިހާ މެންބަރުންވެސް ތިބީ ވަރަށް ފޯރިއާ ޖޯޝާއެކު ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވިއެވެ.