ސަރުކާރު އިދާރާތަކާއި މުއައްސަސާތަކަށް ކިޔާނެ ދިވެހި ނަންތައް ކަނޑައެޅުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީއިން ފަށައިފި އެވެ.

މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މިހާރު އިނގިރޭސިން ނަން ދީފައިވާ ސަރުކާރު އިދާރާތަކަށް ދިވެހި ނަންތަކެއް ކަނޑައެޅުމަކީ މުހިންމު ކަމަށާއި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އިދާރާތަކަށް ކިޔާނެ ދިވެހި ނަންތައް ކަނޑައެޅި ނަމަވެސް މިހާރު ވެސް ބޭނުން ކުރާ އިނގިރޭސި ނަންތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކުގެ އަސާސީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

"މިހާރު ވެސް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ސުޕްރީމް ކޯޓަށް ކިޔާ އިނގިރޭސި ނަންތަކެއް އެބަހުރި. ހަމައެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މިސާލަކަށް، އެޑިއުކޭޝަން މިނިސްޓްރީއަށް ތައުލީމާ ބެހޭ ވުޒާރާ ކިޔާ ގޮތަށް، އެހެން އިދާރާތަކަށް ވެސް އެ ފަދަ ނަންތަކެއް ކަނޑައަޅަން،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ނަންތައް އިދާރާތަކަށް ކިޔުމުގެ މަސައްކަތް ނިންމައި، އަމަލީ ގޮތުން އެއަށް އަމަލު ކުރަން ފެށޭނީ ކަމާ ގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގަ އެވެ.

"މިހާރު އިނގިރޭސި ބަހުން ނަން ދީފައިވާ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމުކަމެއް. އެހެންވެ، ގާނޫނާ އެއްގޮތަށް އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިގެންދަނީ،" އަޝްރަފް ވިދާޅުވި އެވެ.

ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ބުނާ ގޮތުން ދައުލަތުގެ އިދާރާތަކަށް ކިޔަން ޖެހޭ ދިވެހި ނަމެއް އޮންނަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    މީގެކުރިން ދިވެހިނަންތަކެއް ކިޔާ ބައެއް މުވައްސަސާ ތަކުގެ ނަން އިނގިރޭސި އަށް ބަދަލުކުރީވެސް ހަމަ އެމްޑީޕީ އިންނޫންތޯ؟ ސިވިލްކޯޓަށް މަދަނީ ކޯޓް، ކްރިމިނަލް ކޯޓަށް ޖިނާޢީ ކޯޓް މިއީ ކުރިން ކިޔާގޮތެވެ.

  2. ނުރަބޯ

    އަނެއްކާ އިބުރާހިމުގެ ނަން ހިންނަވަރު އުނބުށޭމަށް ބަދަލު ނުކުރާތި ކޮންމެވެސް ކޮންމެވެސް.

  3. ބޮއްބޮ

    މީރާ އަށް ކިޔާ “ވާރުގެ”.

  4. ދޮންބެ

    ތިކަމައް ކޮމެޓީއެއް ހަދާ ، އެއޫ ކަލެއް ކުރަން އިންގޭނެ ކަމަ ކީ

    1
    1