މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މަގާމަށް ބޭފުޅަކު ހައްމަޖައްސައިފިއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ހަމަޖަސާފައި ވަނީ ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެއްވި ގއ. ކޮލަމާފުށީ ރޯޝަނީގެ, އިސްމާއިލް ފައުޒީ އެވެ.

އިސްމާއިލް އަކީ މިކޯގެ އިސް މަގާމުތަކުގައި 22 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސްޓޭޑް ޓްރޭޑް އޯގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް 2016 ވަނަ އަހަރު ބަދަލުކުރި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، އެސްޓީއޯގެ ދަށުން ނެގުމުގެ މަސައްކަތް އާ ސަރުކާރުން ވަނީ ފަށާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރީ އެ ކުންފުނީގެ ދަރަނި ބޮޑުވެ ބަނގުރޫޓުވާން ކައިރިވެފައިވަނިކޮށެވެ.

މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.