ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ. ވައިޓް އެލާޓް ނެރެފައި ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށާއި އެދެމެދުގައިވާ ސަރަހައްދަށެވެ.

އައްޑު އާއި ފުވައްމުލަކު ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރުނު ނަމަވެސް ދެކުނުގެ ހުރިހާ އަތޮޅަކަށް ވެސް މޫސުން ގޯހެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ އެވެ.

އިރުއުތުރާއި އިރުން، އެންމެ ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގާތްްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެއެވެ.

ކަނޑުދަތުރުކުރަށްވާ ފަަރާތްތަކުން ހާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑުތަކުގައި މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.