ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ރިސެޕްޝަނިސްޓަކަށް އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބުރާސްފަރި ދުވަހުގެ ރޭ ފަތިހު 4:48 ހާއިރު ކަމަށެވެ. ޒަހަމް ވެފައިވަނީ ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ރިސެޕްޝަނިސްޓަކަށް އިން 18 އަހަރުގެ މީހަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލިހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި އޭނާއަށް ހަމަލާދީފައިވަނީ އެތަނަށް ދިޔަ ދެ މީހެއް ކަމަށެވެ.

ޒަހަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަމެއް ފުލުހުން ކަށަވަރު ކޮށެއް ނުދެއްވައެވެ.

އިއްޔެ ހެނދުނު ވެސް ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި މާރާމާރީތައް ހިންގުން އަނެއްކާވެސް ވަނީ އިތުރުވެފައެވެ.