ގއ. ވިލިނގިލީގައި ހަރުގެއެއް ތެރޭގައި ހުސެއިން ސިމާދު މަރުވި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި ނަމަވެސް އެ ހަރުގެ ބަލަހައްޓާ މީހާގެ ބަޔާން ފުލުހުން ނަގައިފި ކަމަށް އެރަށު މީހުން ބުނެފިއެވެ.

ހަރުގެ ބެލެހެއްޓުމާއި ހަވާލުވެ ހުރީ ސައީދު ހަސަން ނަމަކަށް ކިޔާ މެދު އުމުރުގެ މީހެކެވެ. ސިމާދު މަރުވެފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ ސައީދަށެވެ. ފުލުހުންނަށް އެމައްސަލަ ރިޕޯޓް ކުރީ އޭނާ އެވެ.

ސިމާދު ވަނީ ގަސްދުގައި މަރާލާފައި ކަމަށް ރަށުގެ ބައެއް މީހުން ތުހުމަތު ކުރެއެވެ. މަރުވެފައި އޮއްވާ ފެނުނު އިރު ސިމާދުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ.

އޭނާ މަރުވެފައި ވަނީ ހަރުގެ އިން ވައްކަން ކުރާތީ ޖަހާފައިވާ ކަރަންޓް ދަންތުރައެއްގައި ޖެހިގެން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އަނެއްބަޔަކު ބުނާ ގޮތުގައި ސިމާދު އަކީ ވިލިނގިލީ ބީއެމްއެލް ބްރާންޗް ފަޅާލި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު މީހަކަށް ވާތީ އެވައްކަމާއި ސިމާދުގެ މަރާއި ވެސް ގުޅުމެއް އޮތުން އެކަށީގެންވެއެވެ.

ސިމާދުގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރާކަން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

ސިމާދު އަކީ އައްޑޫ ސިޓީ ހިތަދޫ މީހެކެވެ. އޭނާ ވިލިނގިލިން މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭތާ 12 އަހަރެއްހާ ދުވަސްވެއްޖެއެވެ. ނަމަވެސް އޭނާ މަރުވި އިރު ކައިވެނި ވަނީ ރޫޅިފައެވެ. ސިމާދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސހނ ސރފ

    ބޭންކް ލާރިގަނޑުން ފުލުހުންނައް ބައި އެޅި ވާހަކަ އެއް އަޑު އިވިފަ އޮތީ

  2. ޒޫނާ

    މަރުގެ ޒިންމާ ނަގަންޖެހޭ ބަޔަކު ފިލާ އެބަ ތިބި..

    1
    2