ޤާނޫނު އަސާސީގެ241 ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު، ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ، ނުވަތަ241 ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބައްވަން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ7:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ 241 ކޮމެޓީއަށް އައު މުޣައްރިރެއް ހަމަޖެއްސުމަށް ބާއްވާ ބައްދަލުވުމެކެވެ. އެ ކޮމެޓީގެ މުޣައްރިރެއްގެ ގޮތުގައި މިހާރު ހުންނެވީ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރ ޢަލީ މަޢުރޫފެވެ.

މީގެ އިތުރުން، ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ، އިއްޔެ މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި، މިހާރުގެ އެކްޓިންގ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ޙަމީދު އެ ކޮމެޓީއަށް ހާޒިރުކުރާނެ ކަމަށް، ޕީ.ޕީ.އެމް ގެ ސްޕޯކްސް ޕާރސަން ޢަލީ ޢާރިފްވެސް ވަނީ ވިދާޅުވެފައެވެ.

241 ކޮމެޓީގައި ޖުމްލަ14 މެމްބަރުން ތިއްބަވައެވެ. އެއީ ޕީ.ޕީ.އެމް އަށް ނިޞްބަތްވާ ފަސް މެމްބަރަކާއި، ޖުމްހޫރީ ޕާޓިއަށް ނިޞްބަތްވާ ތިން މެމްބަރަކާއި ، އެމް.ޑީ.ޕީ އަށް ނިޞްބަތްވާ ތިން މެމްބަރަކާއި، އެމް.ޑީ.އޭ އަށް ނިޞްބަތްވާ މެމްބަރަކާއި، އަދާލަތު ޕާޓީއަށް ނިޞްބަތްވާ މެމްބަރެއްގެ އިތުރުން އެއްވެސް ޕާޓިއަކަށް ނިޞްބަތްނުވާ މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު