އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅޭ ތަހުގީގުތައް އަދިވެސް ނުނިމޭ ކަމަށާއި، އެ ހިޔާނާތުގެ އިތުރު ކަންކަން ބަލަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހިންގި ތަހުގީގީ ރިޕޯޓު އެ ކޮމިޝަނުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ހާމަކޮށްފައެވެ. އެރިޕޯޓްގައި މި ފައިސާ ލިބުނު ފަރާތްތަކުގެ ނަން ވަނީ އާއްމުކޮށްފައެވެ. އަދި އެ ރިޕޯޓް ފުރިހަމަ ނޫންކަމަށްވެސް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އޭގެ ތެރޭގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ނިޔާޒްވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އޭސީސީން އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ގެންދިޔައީ ރަށްތަކާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކަމަށެވެ. އަދި ތަހުގީގު އެއްކޮށް ފުރިހަމަކޮށް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިވާކަމަށް މުއައްވިޒު ވިދާޅުވިއެވެ.

އަދި މުއައްވިޒު ވިދާޅުވީ އެކޮމިޝަނުން ނެރުނު ރިޕޯޓުގެ އިތުރުން، އިތުރު ފަސްކަމެއް މިމައްސަލައާ ގުޅިގެން ބައްލަވަމުން އަންނަ ކަމަށެވެ.

"އެކަމަކު އެ ތަހުގީގު ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެހެން ކަންތައްތަކެއް އެބަހުރި. އެކަަންތައްތައް ތަހުގީގު ކުރަން ޖެހޭކަމެއް ރިޕޯޓްގައިވެސް ފާހަގަކުރެވިފައިވާނެ، މައިގަނޑު ފަސް ކަމެއް. އޭސީސީގެ ރިޕޯޓްގައި އޮންނާނެ އެ ކަންތައްތައް ފާހަގަކޮށްފައި އެކަންތައްތަކަކީ ތަހުގީގު ފުރިހަމަ ނުވާ ކަންތައްތަކެއް ކަން". މުއައްވިޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރިޕޯޓާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ބައެއް މުހިންމު މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން އެމްއެމްއޭގެ ދައުރާ ގުޅޭ މައްސަލައަކާއި، ބީއެމްއެލްގެ ދައުރާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލައަކާއި، ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަކަށް (އެސްއޯއެފް)އަށް ވަނުމަށް ފަހު، އެ ފައިސާއިން އާއްމު ފަރާތްތަކާއެކު އެކި މުއާމަލާތްތައް ކޮށްފައިވާ މައްސަލަވެސް ހިމެނޭ ކަމަށެވެ.

ތަހުގީގު ނުނިންމާ ރިޕޯޓް އާއްމުކުރި ކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މުއަައްވިޒް ވިދާޅުވީ، މިހާރު ތަހުގީގު ކުރެވިފައި ހުރި މިންވަރަށް ބަލާއިރު، ގަބޫލުކުރެވެނީ ރައްޔިތުން ކުރާ ސުވާލުތަކަށް، ޖަވާބު ލިބޭނެ ވަރަށް ގިނަ ކަންތައްތަކެއް ރިޕޯޓް ތެރޭގައި ހިމެނިފައިވާ ކަމަށެވެ.

އޭސީސީން ބޮޑު ޚިޔާނާތުގެ ރިޕޯޓް ފޮރުވާފައިވާކަމަށް ދެކެވެމުންދިޔަ ވާހަކަތަކާއި ގުޅިގެން މުއައްވިޒް ވިދާޅުވީ، އެ ކޮމިޝަނުން 2017 ވަނަ އަހަރު ތަހުގީގު ނިންމައި، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ހިއްސާކުރި ކަމަށެވެ.

"ރިޕޯޓް ފޮރުވުމެކޭ ނުބުނެވޭނެ ދެެއްތޯ؟ ދައުލަތުގެ ހުރި ކަމާ ބެހޭ އިދާރާތަކުގެ މައުލޫމާތުތައް ހިއްސާކުރި، އެ މައުލޫމާތުތަކަކީ ސިއްރުވެފައި ހުރި މައުލޫމާތުތަކެއް ނޫން. އެ މައުލޫމާތުތަކަކީ ފިޔަވަޅު އަޅާން ޖެހޭ އިދާރާތަކަށް ފޮނުވިފައި ހުރި މައުލޫމާތު". އޭނާ ވިދާޅުވިއެވެ.

އަދި އެއިރު ރިޕޯޓް ހާމަކުރީ، ތަހުގީގު އިދާރާތަކަށް އެ ރިޕޯޓްތަކުގެ މައުލޫމާތުތައް ހިއްސާކުރިއިރުވެސް އިތުރު ތަހުގީގުތަކެއް ކުރިއަށްގެންދާތީ، އާއި އެ މައުލޫމާތުތައް ހާމަކޮށްފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލުކުރެވޭތީމަށް ވިދާޅުވިއެވެ.

އޭސީސީއަށް ސިޔާސީ ނުފޫޒް ވަދެފައި ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން މުއައްވިޒު ވިދާޅުވީ، އޭސީސީގެ ރިޕޯޓާއި، އަދި އެނޫންވެސް ކަންކަން ކުރިއަށްގެންދިޔައިރު، އޭސީސީއަށް ސިޔާސީ ނުފޫޒެއް ވަދެފައިނުވާ ކަމަށެވެ. އަދި މުވައްސަސާ އޮތީ ވަރަށް މިނިވަންކަމާއެކުކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ބަލަމުންދާ މައްސަލަތައް ނިންމާ، އެ ކަންކަންވެސް ވަރަށް އަވަހަށް ހިއްސާކުރައްވާނެކަމަށް މުއައްވިޒް ވިދާޅުވިއެވެ. އަދި އެ ކަންކަން ނިމުމުން، އިތުރު މައުލޫމާތުތަކެއްވެސް ހާމަވާނެކަމަށް މުއައްވިޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެލެކްސް

    ދެން ނިކުންނަ ރިޕޯޓް ތަކުގައި އެމްޑީޕީ މީހުންވާނީ ހުދުކާފޫރަށް

  2. ކަލޯބޭ

    އަންނި ، އިބޫ ، އިމްތިޔާޒްފަހްމީ ، ޢަބްދުﷲ ޝާހިދު ، މައުމޫނަށް ޖަމާވީވަރު އެގިއްޖެއްޔާ ރަގަޅު!

  3. އިންސާފު

    މިރިޕޯޓުތައް ޚަބަރުގެ ގޮތުގައި ނޫސްތަކުގައި ށާއިއުކޮށްގެން އެންމެންކިޔަންތިއްބާ. މީގެބޭނުންނެތިގެން މިދަނީ. އެންމެންވެސް ޑޮލަރު މާރުކުރީ. ދެން ރަށްތައް ދެވުނުފަރާތެއް އަދި ފައިސާ ދެއްކިފަރާތެއް ނޭގޭ. މިފަދަ ރިޕޯޓުތައް އާއްމުކޮށްގެންވީފައިދާއެއްކޮބާ؟
    އޭ.ސީ.ސީ.ގެ ރިޕޯޓު. ފުރިހަމަކޮށް، ޕީ.ޖީއަށް. ފޮނުވާ. ދެން ށަރިޔަތް. އަވަސް ކުރޭ.