ފ.ފީއަލީގައި އަނެއްކާވެސް ޑެންގޫ ހުން ފެތުރެން ފަށައިފިއެވެ.

މި މަހުގެ ކުރީކޮޅުގައި އެރަށުގައި ގަދަޔަށް ޑެންގޫ ފަތުރޭތީ ރަށު ތެރެ ވަރަށް ބޮޑަށް ސާފުކުރިއެވެ. އަދި ރަށުގެ ސްކޫލްވެސް ބަންދުކުރިއެވެ. ރަށުގައި ޑެންގޫ ޖެހުނު ކުދިން މާލެ ގެނެސް ފަރުވާވެސްދިނެވެ. ދެ ކުއްޖަކު މާބޮޑަށް ހާލު ދެރަވެގެން ރާއްޖެއިން ބޭރަށް ވެސް ވަނީ ގެންގޮސްފައެވެ.

އެ ރަށު ކައުންސިލް މެންބަރު އަހްމަދު އާދަމް "ވަގުތު" އަށް ވިދާޅުވީ، ދެ ހަފްތާގެ މެދުކެނޑުމަކަށް ފަހު އަނެއްކާވެސް އެ ރަށުގައި ޑެންގޫ ފެތުރެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ކުއްޖަކު ޑެންގޫއަށް ޕޮޒިޓިވްވެފައިވާކަމަށް އާދަމް ވިދާޅުވިއެވެ.

ޑެންގޫ ޖެހުނު އެ ކުއްޖެއްގެ ހާލު ސީރިއަސްވެގެން އޭނާއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އާދަމް ވިދާޅުވިއެވެ.

"އަނެއްކާ މި ދެ ދުވަހެއްގެ ތެރޭގައި އިތުރު ފަސް ކޭސް މި ފެނުނީ. އޭގެ ތެރެއިން އެއް ކުއްޖަކު މާލެ ފޮނުވާލައިފި. މިވަގުތު މައުލޫމާތު ލިބޭގޮތުގައި، އޭޑީކޭގެ އައިސީޔޫގައި އޮތްކަމަށް ވަނީ އެ ކުއްޖާ" އާދަމް ވިދާޅުވިއެވެ.

އެ ކުއްޖާ މާލެ ފޮނުވާލީ ޑެންގޫއަށް ފަރުވާދެމުން ދަނިކޮށް ފިޓް ޖެހިގެންނެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާދީފައި ވަނީ އައިޖީއެމްއެޗްގައެވެ. އަދި ޓެސްޓު ހެދުމުން އެ ކުއްޖާ ޑެންގޫއަށް ޕޮޒިޓިވްވެފައިވާކަމަށް އާދަމް ވިދާޅުވިއެވެ. އެ ކުއްޖާ ވަނީ ފަހުން އޭޑީކޭއަށް ބަދަލުކޮށްފައެވެ.

އާދަމް ވިދާޅުވީ، މި މަހުގެ ކުރީކޮޅު އެރަށުގައި ޑެންގޫ ޖެހިގެން ފަރުވާދެމުންދިޔަ ކުދިން ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ބައެއް ކުދިންގެ އަނގާގައި ފާރު ހެދިފައިވާކަމަށް އާދަމް ވިދާޅުވިއެވެ. އަދި އިތުރު ފަރުވާއަށް ބޭރަށް ފޮނުވާލި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ރަނގަޅުވެގެން ދެ ދުވަހެއްގެ ތެރޭގައި މާލެ އައުމަށް ނިންމާފައިވާކަމަށާއި، އަނެއް ކުއްޖާގެ ހާލު އަދި ނޭނގޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ފީއަލީގައި އިތުރަށް ޑެންގީ ފެތުރޭތީ ސަރުކާރުގެ ބައެއް މުވައްސަސާތަކާއެކު މިރޭ މަޝްވަރާތަކެއް ވެސް ކުރިއަށްގެންދިޔައެވެ. އެ މަޝްވަރާތަކުގައި، ރަށު ތެރެ ސާފު ކުރަން ނުކުތުމަށް ވަނީ ނިންމާފައެވެ. އަދި ހެލްތް ސެންޓަރުގެ ފަރާތުން ގޭގެއަށް ޒިޔާރަތްކޮށް، އެ ގޭތެރޭގައި ހުރި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ހޯދައި ނައްތާލުމުގެ މަސައްކަތްވެސް ކުރުރުމަށް ނިންމާފައިވާކަމަށް އާދަމް ވިދާޅުވިއެވެ.

މާދަމާ އިން ފެށިގެން ގޮނޑު ސަރަހައްދުގައި ހުރި ފުޅި އާއި ދަޅު އެއްޗެހި ހޮވާ އެ އެއްޗެހި އެއްތަނަކަށް އެއްކުރުމަށްފަހު އެ އެއްޗެހި ރަށުން ބޭލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފުޅި އާއި ދަޅުތައް ރަށުން ބޭރުވާނެ ގޮތެއް ނުވެއްޖެނަމަ، ބޮޑު ކޮތަޅަކަށް އަޅައި ބަހައްޓާނީ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

އެރަށުގައި ޑެންގޫ ފެތުރޭތީ މިހާރު ހެލްތް މިނިސްޓްރީއަށް ވެސް އެކަން ވަނީ އަންގާފައެވެ.