އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ފައިސާ ލިބުނު ކަމަށް ތުޙުމަތު ކުރެވޭ، ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް، ރިޕޯޓުގައިވާ އޭނާ ހިއްސާވާ ކުންފުނީގެ ބައި ތަހުގީގު ކޮށްދިނުމަށް އެދިއްޖެއެވެ.

މައުސޫމަށް ރައީސް ގޭގައި މަޑުކުރައްވަން އަންގަވާފައިވާ އިރު، މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީ ރިޕޯޓުގައިވެއެވެ.

މައުސޫމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޝީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާގެ ދިފާއުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މައުސޫމްވަނީ އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޓްއިން މީގެ 20 އަހަރު ކުރިން ވަކިވެފައި ކަމަށެވެ. އަދި ޚިޔާނާތުގެ ފައިސާ ވަދެފައިވަނީ އެކުންފުންޏަށް ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނުގެ އޮފީސްގެ ޗީފް އޮފް ސްޓާފްގެ މަޤާމް އަދާ ކުރަމުން އަންނަ މަޢުސޫމަށް ފުރިހަމަ ތާޢީދު އެބައޮތް ކަމަށާއި މަޢުސޫމްއަކީ ނަޒާހްތްތެރި ބޭފުޅެއް ކަމަށެވެ.

މައުސޫމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެއްވެސް މުއާމަލާތަކީ ކޮރަޕްޝަންގެ އަމަލެއްކަން ނުވަތަ ނޫންކަން އަދި އެއިން އެއްވެސް އަމަލަކީ ގާނޫނާއި ހިލާފު އަމަލެއްކަން ނުވަތަ ނޫންކަން ވެސް އެ ރިޕޯޓްގައި ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ.

އެއިން އެއްވެސް ކަމަކަމާއި ގުޅޭގޮތުން އޭސީސީގެ ފަރާތުން މިހާތަނަށް އޭނާއާ އެއްވެސް
ސުވާލެއްކޮށް ބަޔާނެއް ނަގާފައި ވެސް ނުވާ ކަމަށާއި، އޭސީސީގެ ރިޕޯޓް ނެރެފައިވާ ގޮތުގެ ސަބަބުން އާއްމު ރައްޔިތުންގެ ތެރޭގައި އޭނާއާއި ދޭތެރޭ ނުބައި ތަސައްވަރެއް އުފެދިދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއްގައި އޭނާގެ ފަރާތުން ގާނޫނާއި ހިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އޭގެ އިތުރުން ބައެއް ނޫސްތަކުގައި މައުސޫމަކީ އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ދާރެއްކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށާއި މީގެ 20 އަހަރު ކުރިން އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އޭނާގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލްޖިބްރާ

  ހަދާނަށް އަންނަނީ މީގެ ޒަމަންތަކެއް ކުރިން "އެއަރމޯލްޑިވްސް " ގެ އޮޑިޓް ރިޕޯރޓެއްގެ ސަބަބުން އެއޮފީހުގެ ފައިސާ އާއި ބެހޭ މީހާ އެ އޮފީހުގެ އެތަށް ލައްކަ ދިވެހި ފައިސާއަށް ޚިޔާނާތް ތެރިވިކަމަށް ސާބިތުވެ އެކަމުގެ އަދަބު އޭނާއަށް ދިން ދުވަހެވެ. ކުށް ސާބިތުވިއިރު އޭނަގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ. އެކަމަކު ކާރު ،ސައިކަލް ، އޮޑިދޯނި ފަހަރު މިބާވަތުގެ ހުރިހާއެއްޗެއްވަނީ އޭނާގެ ދަރިންގެ މަތީގައި ރެޖިސްޓްރީ ކޮށްފައެވެ. އޭރުގެ ވެރިއަކަށް ދިވެހިރާއްޖޭގައި ހުރި މީހަކުވަނީ މިޚިޔާނާތް ހިންގި މީހާއަށް ދުވަހަކުވެސް އެއްވެސް ތަނެއްގެ ވަޒީއެއް ދިނަސް ފައިސާ އާއި ބެހޭ އެއްވެސް ކަމެއް އޭނާއާއި ހަވާލު ނުކުރުމަށް އަންގާފައެވެ. މިއީވެސް މިދިވެހިރާއްޖޭގައި ހިންގާފާހުރި ޖަރީމާތަކެވެ.

  7
  1
 2. އަހުމަދު އަދީބު

  މައްސަލައަށް ނުފޫޒު ފޯރުވާ ހެކިނައްތާލަން މަސައްކަތް ކުރުމަކީ އެކަށީގެންވާކަމެއް މީނަވެސް އަކުރަމްވެސް، މަހުލޫފުވެސް، ލަބީބުވެސް، ހިޔަލީވެސް ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުން އަވަސްކުރޭ، ޖީއެމް އާރުން ކުރީގެ ރީނދޫ ސަރުކާރުބޭޅުންގެ ޓްރާންސްފާރ ތައްވެސް ބަލުން މުހިންމު

  4
  1
 3. ބަނާނާ ރައިސް

  ތަހުގީގުކޮށްނިމިއްޖެ. މައުސޫމުގެ އެއްވެސް ކުށެނެތް. މައުސޫމާ އެއްވެސް ގުޅުމެނެތް މމޕރސގެ ފައިސާއާ ތިއެކައުންޓަށްވަން ފައިސާއަކީ ސައްހަމުއާމަލާތެ. ޑޮލަރުމާރުކުރީ. ތިޔައީ މައުސޫމު ނަޒާހަތްތެތިއެއް. އަންނަމަހު 1ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ވަޒީފާއަށް ނުކުންނަންވީ. މިއީ ތަހުގީގުން ފެންނަގޮތް. ޝުކުރިއްޔާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގަ ބަނާނާ ރައީސް ފިޔަވަޅުއަޅާގޮތް.

 4. ނުރަބޯ

  އިބޫއާ ނަޝީދު އެމްޑީޕީ މީހަކު އެއެމް ޕީއާރު ސީގެ މައްސަލއިގައިވާނަމަ ވީ އެއްމެ ބޮޑަކަށް ދިފާޢު ކޮށްދޭނެއެވެ.އެމްޑީޕީ މީހަކު ވެއްޖެއްޔާ ވަރަށް ނަޒާޙަތްތެރި ވާނެ.