"ޕްރިޒަން ބްރޭކް" ކިޔާ އިނގިރޭސި ޓީވީ ސީރީޒް އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ޓީވީ ސީރީޒް އެކެވެ. އެސީރީޒްގައި ފެންނަނީ އާދަޔާއި ހިލާފު މޮޅު ރޭވުމެއް ރާވައިގެން ބަޔަކު ޖަލުން ފިލައިންދާ މަންޒަރެވެ. އެފަދަ ކިތަންމެ ހަޤީޤީ މަންޒަރެއް ދުނިޔޭގެ އެކި ގައުމުތަކުން ފެނިފައި ވެއެވެ.

މިފަހަރު މިއޮތީ ރާއްޖޭގައި ވެސް ޖަލު ފަޅާލައިގެން މީހަކު ފިލާފައެވެ.

ދޫނިދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ގޮޅީގެ ފުރާޅުން ޓިނުގަނޑެއް ފޭކޮށްލައިގެން ފިލި މީހަކު ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިވަނީ ޙުކުމް ކޮށްފައެވެ.

ދައުލަތުން އުފުލި ދައުވާ އަށް އަމިއްލަ އަށް އިއުތިރާފު ވުމުން ޖަލު ޙުކުމެއް އައިސްފައި ވަނީ ގއ.ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއީލު އަށެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާއެވެ. އެ ދައުވާކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ދޫނިދޫ ކަސްޓޯޑިއަލް އެރައިވަލް ގޮޅީގައި ބަންދުކޮށްފައި ހުއްޓާ އެ ގޮޅީގެ މަތީގައި ޖަހާފައި ހުރި ޓިނުގަނޑެއް ފޭކުރުމަށްފަހު ނިކުމެގެން ފިލާފައިވާތިއެވެ.

ދައުވާއަށް ޖިނާހު އިސްމާއީލު އިއުތިރާފުވެފައިވާތީ އޭނާގެ އަދަބު ވަނީ ކުޑަ ވެފައެވެ. ނަމަވެސް އަދަބު ކުޑަވުމުން ވެސް އޭނާ އަށް ވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެއް އައިސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަައަމަރު

    ރާއްޖޭގެ ޕެންޓަގަން ފަޅާލެވޭނީ ލައްކަ ކުޅަދާނަވެގެން. އެހެން ނަމަވެސް މީގެކުރިން ރާއްޖޭގެ ބައެއް ޖަލުތަކުގައި ކުށްވެރީންނަށް އަސްލު ޕްރިޒަން ބްރޭކް ފިލްމް ސީރީޒް ދެއްކިކަމާށް ވަނީ އަޑުފެތުރިފައި. ޢެހެން ވުމުގެ ސަބަބުން ޖަލުތަށް ފަޅާލުމުގެ އިތުރު އެސްކޭޕް ޕްލޭން ހަދަން މަގުފަހި ވެދާނެކަމަށް ފެނޭ.