މިދިޔަ ހަފްތާގައި އަންގާރަ ދުވަހުން ފެށިގެން ހައި ކޯޓުގެ ޝަރީޢަތްތައް މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދު އަލުން ޝަރީޢަތްތައް ފަށައިފިއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބަހައްޓަން ނެރެފައި ކޯޓު އަމުރުގެ މައްސަލަ މިއަދު ވެސް ކުރިއަށް ނުގެންދާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔާމީން ހައްޔަރު ކުރީ އެމަނިކުފާނު ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓުގައި އެދުމުން އެކޯޓުންނެވެ. ޔާމީން ބަންދުގައި ބަހައްޓަން ނެރުނު އަމުރު އެމަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.

ހައިކޯޓަށް އެމައްސަލަ ބަލައިގެންފައި ވަނީ މިދިޔަ ހަފްތާގައެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި އެކޯޓުން ހާމައެއް ނުކުރެއެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ އުފުލާފައި ވާއިރު އެމައްސަލައިގެ ޝަރީޢަތް ވެސް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ގައެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ. އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި ޔާމީން އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ނެންގެވި ފައިސާއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާ އިން ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އިން އެމަނިކުފާނު ވަނީ މާލީ މަންފާތަކެއް ލިބޭ މުއާމަލާތްތަކެއް ހިންގަވާފައެވެ.

ޔާމީން ވެސް ވަނީ އެސްއޯއެފް އިން ޖަމާކުރި ފައިސާ އިން މާލީ މުއާމަލާތްތައް ހިންގެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިއިރު އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅުން ހުރި ކުންފުންޏެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހު އެވެ. މިއަދު މައްސަލަ ޕީޖީއަށް ފޮނުވާފައި މިވަނީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައި ވީނަމަވެސް ދައުވާ ކުރާ ޤާނޫނުގެ މާއްދާ އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އެމަނިކުފާނުގެ މައްޗަށް އަތުވެދާނެ ޙުކުމުގެ ބޮޑު ކުޑަމިން ލަފާކުރާކަށް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާބަކުރު ސޮރު

    މަގޭ އެކައުންޓް އޭނަ އެކައުންޓް ކާރީ ހުރިނަމަ އޭ ހިތަށް އަރާ އޭރުން ތި އެކައުންޓްތަށް ފުރިގެން ފާބާއިރު މަގޭ އެކައުންޓަށް ވެސް އެޅިދާނެ ތޯއްޗެ
    ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއް ދުވަސް
    ބަލަން ތިބެމާ

    5
    30
  2. Anonymous

    މިއަދު ބޭނުން ގޮތެއް ހަދަމުންދޭ. ގެއްލުމާ ހަލާކު އަންނަނީ އެކަކުގެ މައްޗަކަށް ނޫން. އާއްމުވެގެންވާ ގޮތުގައި އެންމެންގެ މައްޗަށް. والله اعلمز

    33
    2
    • އަލީމްބެ

      ތިކަން ތިގޮތައްވަނީ ނޮވެމްބަރ 2018 ގެ ފަހުންތަ؟ މިއަދުދޯ ކަލެއައް ތިކަން ވިސނުނީ