ކުނީގެ މައްސަލަ ޙައްލުކުރުމަށް "އެންވަޔަރަންމަންޓް ޕޮލިސް" ގެ ޚިދުމަތް ފެށުމަށްޓަކައި އަހުދުނާމާއެއްގައި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ދެމެދު އަހްދުނާމާގައި ސޮއިކޮށްފިއެވެ.

މިއަހްދުނާމާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން މި ފަހުމާނާގާއި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝިފާޢު އެވެ.

މި އަހްދުނާމާގެ މަޤްޞަދަކީ މި 03 މުޢައްސަސާއަށް ޤާނޫނީ ގޮތުން ޙަވާލުކުރެވިފައިވާ ޒިންމާ އާއި މަސްޢޫލިއްޔަތު އަދާކުރުމުގައި 03 މުޢައްސަސާއަށް ލިބިގެންވާ ޢިލްމާއި ތަޖުރިބާގެ އަލީގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ ތިން މުޢައްސަސާގެ ތަރައްޤީއާއި ކުރިއެރުމަށް އަދި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގަމުންގެންދާ "ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކުގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ، ކުނި މެނޭޖްކުރުމުގެ ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅައި އެ ޤަވާޢިދުތައް ތަންފީޛު ކުރުމަށް މަސައްކަތް ކުރުމެވެ.

މި އަހްދުނާމާގެ ދަށުން އެންވަޔަރަންމަންޓް ނިސްޓްރީއިން ވެމްކޯއާއި ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކަށް ޚާއްސަކުރެވޭ ސްޕެޝަލް ކޮންސްޓެބްލަރީ ޚިދުމަތް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެކު ވެވޭ އެގްރީމެންޓާއި އެއްގޮތަށް ހަމަޖެހިގެން ދާނެއެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކަށް ޤަވާއިދާ ޚިލާފަށް އަދިވެސް ކުނި އަޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން ގަވާއިދާ ޚިލާފަށް ކުނި ޖަމާކުރުން ހުއްޓުވުމަށްޓަކައި ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓޭނެއެވެ. އަދި ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޚާއްސަކުރެވިފައިވާ ޒޯންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ޤަވާއިދާ ޚިލާފަށް އެޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާއިމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުއަޅާ، ބައިސްކަލުގައްޔާއި ގާޑިޔާތަކުގައި ޤަވާއިދާއި ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަން ހުއްޓުވޭނެއެވެ.

އަދި މި އަހްދުނާމާގެ ދަށުން ވެމްކޯއަށް ކުނި މެނޭޖްކުރުމުގައި ސެކިއުރިޓީ ގޮތުން ދިމާވާ ކަންތައްތައް ޙައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން މި އަހްދުނާމާގެ ދަށުން ތަންފީޛުކުރަންޖެހޭ ގަވާއިދުތަށް ތަންފީޛުކުރުމަށްޓަކައި އެއްބާރުލުންދީ، ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް ތަންފީޛުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެވިގެންދާނެއެވެ.

ވެމްކޯގެ މި މަސައްކަތުގައި ޝާމިލްވާ މުވައްޒަފުން މެދުވެރިކޮށް މާލެތެރޭގައި ޤަވާއިދާ ޚިލާފަށް ކުނި ޖަމާކުރާ ތަންތަން ފާހަގަކޮށް އެތަންތަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ރިޕޯޓްކުރުމުގެ އެންމެހާ ކަންކަން ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ތިކަން ތިއޮތީ ވެނިމިފަ!!!! މޮޅުވާހަކަ ނުދައްކާ ކުރިކީލަމަގު (ޗާންދަނީމަގު، ނިކަގަސްމަގާ ދޭތެރެ) އައިސް ބަލާލަބަލަ!!!! ސާފުނުކުރާތާ މިހާރު 8 މަހައްވުރެ ގިނަވާނެ!!!! ގަބޫލުނުކުރަންޏާ އައިސް ބަލާބަލަ!!!! ނޫސްތަކަށް އަރަން ކޮންމެބަޔަކުވެސް މޮޅުކަންތައް ކުރަންތިބޭ!!!!

  2. އަހުމަދު

    ބަވާ ވަރު މަދީތަ، ތިކަހަލަ ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން ތިއުޅެނީ، ސިގިރޭޓްވެސް ބޮނީ ހެސް ކިޔާފަ މަނާ ތަންތަނުގައި، ހަފްތާއެކު 1 އޮޕަރޭޝަން ހިންގާލާއިރަށް ދައުލަތް މުއްސަދިވީ.

  3. އަސްލު

    ކޮންމެ ހުކުރު ދުވަހަކާއި ރޭނގަޑު މަޖީދީމަގުގައި އެންވަޔަރަންމަންޓް ޕޮލިސް ހަރަކާތްތެރި ވާން ފެނޭ. މިހާރަކަ އައިސް ވަކި ބަޔަކު ވަރަށް ގިނަވެގެން އުޅޭ. ހަމަ ކުނި ބައެއް ވަކި ބަޔަކަށް ހެއްލިގެން އުޅޭ. ވަރަށް އުނދުގޫވޭ މި ކުނީގެ ސަބަބުން. މަޖީދީމަގުވެސް ބްލޮކް ކޮއްލާ ކުނި ތަކެއް މިއީ.