ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ ކުއްލި ހާލަތު އުވާލެވޭއިރު ސަރުކާރުގެ ދެން ނިންމާނެ ގޮތެެއް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު އިއުލާން ކޮއްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހު 21 ވަނަ ދުވަހު ހަމަވާއިރު ސަރުކާރުން ކިހާ ވަރަކަށް ތައްޔާރުވެފައިވޭތޯ "ވަގުތު " އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މީގައި މުހިންމީ ސަރުކާރުން ތައްޔާރު ވުމެއް ނޫން ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އުވިގެންދާއިރު މީގެ މުހިންމީ ސަރުކާރު ތައްޔާރު ވުމެއް ނޫން, މި ކަން މިދަނީ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ޑިއު ޕްރޮސެސްއާއި އެގޮތަށް, އަދި ކުއްލި ހާލަތު އުވާލެވޭ އިރު ސަރުކާރުގެ ވިސްނުން ވެސް މިދަނީ ހާމަކުރަމުން އަދި ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ނޫސްވެރިންގެ ބައްދަލުވުން ތަކާއި އެނޫންވެސް ގޮތް ގޮތުން ސަރުކާރުން ދާނީ ސަރުކާރުން ދެން ނިންމާނެ ގޮތެއް ހާމަކުރަމުން" މުއާޒު ވިދާޅުވިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ދާދި ފަހުން ބޭރުގެ ނޫސްވެރިން ގެނެސްގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފައެވެ. އާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމަށް ސަރުކާރުން ނުވިސްނާ ކަމަށެވެ.

"ރާއްޖޭގައި އިއުލާން ކޮއްފައިވާ ކުއްލި ހާލަތުގެ ތަންފީޒު ކުރާނީ ފެބުރުއަރީ އެއްވަނަ ދުވަހު ހިންގި ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް އެކަނި " އާޒިމާ ވިދާޅުވިއެވެ.

ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް އިއުލާން ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ އެމުއްދަތު އިތުރު 30 ދުވަހަށް އިތުރު ކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިކި

    ކުއްލި ހާލަތަށްފަހު ދެން ކުރަންވީ ކަމަކީ މިވީ ސާޅީހަކަށް ދުވަހު ދައުލަތަށް ވަނީ ކިތައް ހަރުމުދާތޯ ބެލުމަށްފަހު ކުއްލިހާލަތުގަ އެންމެ އެހީތެރިވި މިހުންގެ މަދުގަ ބަހާލުން. މީގެ އިތުރުން ފުލުހުން އެކަކުގެ ފަޔަށް އަނެކަކު ފައިން އަރަންވީ

  2. ދުމާ

    ސަރުކާރު ހިނގުމުގަ ކައްޕިތާނުގެ މޮޅު ވިސްނުމާ ޙިކުމަތު ފެނިގެން ހިނގައްޖެ. ދިމާވިގިނަ ގޮންޖެހުންތަކާ ހިނގާދިޔަ އި ބުރަތުންފުރިގެންވި އެތަކެއް ކަމަކުން އެނގި ހާމަވެގެންދިޔައީ ވެރިކަމުގަ ހުންނަނެޖެހޭމީހާގެ ފެންވަރާ ފަންވަރު މިހާރު މިހިރަ ވެރިމީހާގެ ކިތަންމެހާވެސް ރަނގަޅަކަށް އެބަހުރިކަން. ކުރިއަރަންބޭނުންވާ ، ތަރައްގީވާންބެނުންވާ މިނިވަން ގައުމަކަށް ހުޅަނގުގެ ނުފޫޒުން އެއްކިބާވެ ބޭނުންވާއަމާޒަށް ދެވޭނީ މިކަހަލަ ވެރިންނާއެކު.