ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވެ ނަމަވެސް ޕްރައިމަރީ އިން ބަލިވުމުގެ ސަބަބުން އިންތިޚާބަށް ކުރިމަތިނުލެވުނު ފަރާތްތަކަށް މިއަންނަ މަހުގެ 04 ވަނަ ދުވަހާއި ހަމައަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ތަނަވަސް ކޮށްދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީ ތަކުން ބޭއްވި އިންތިޚާބު ތަކުން ބަލިވި މީހުން، މަޖިލިސް އިންތިޚާބުގައި ވާދަކުރާން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ އެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މިއަދު ވަނީ އަމުރު ކޮށްފައެވެ.

ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ޤާނޫނީވަކީލް އަބްދުލްމާނިއު ހުސައިން އަދި ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދު އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް 2013 ވަނަ އަހަރު އިތުރުކުރި މާއްދާގައި ބުނެފައި އޮންނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. މިފަދަ މީހަކު އިިންތިހާބެއްގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިއެއް

    ގާނޫނުތަކަށްވުރެ ސްޕްރީމްކޯޓް ބާރުގަދަބާ. އަހަރެމެން ވެރިކަމުގައި ތިބެ މި ގާނޫނު ވުޖޫދަށް ގެނައީ ޕާޓީތައް ބައިބައި ވިޔަ ނުދިނުމަށްޓަކާ. އެމްޑީޕީ އަށް ވެރިކަން ލިބޭއިރަށް މިކަންވެސް ބަދަލުކޮށްލީ.