ކުރީގެ ނައިބު ރައީސް ކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ދޭނެ އިނާޔަތްތަކަކީ، ދައުލަތުގެ އިއްޒަތްތެރިންގެ ލަގަބު ދިނުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އެ ބިލުގައިވެއެވެ.

މީގެ އިތުރުން އެ ފަދަ ބޭފުޅަކާ މުހާތަބު ކުރާއިރު، "ނައިބު ރައީސް" ބޭނުން ކުރުން އަދި ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިން ބިލުގައިވެއެވެ.

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމަށް، އެ މެންބަރުންގެ ހިޔާލު ހުރި ނަމަވެސް، އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. ބިލްގެ ބަހުސް މަރުހަލާ މިހާރު ވަނީ ނިންމާލާފައެވެ.

އެ ބިލް ދިރާސާކުރުން ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހަޅާ ވަނީ ތާއީދު ލިބިފަ އެވެ. އެކަމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހާނެ އެވެ.

މި ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވިދާޅުވީ ރައްކާތެރިކަން ދިނުމުގެ ބިލްގެ މަގުސަދަކީ އެފަދަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި ނަމަވެސް އެ ބިލްގައި މާލީ އިނާޔަތެއް ނެތުމުން އެ މަގުސަދު ހާސިލްނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބިލަށް ފާޑުވިދާޅުވި ބައެއް އެހެން މެންބަރުން ވިދާޅުވީ އެންމެ ފަހުން ނިމުނު ރިޔާސީ ދައުރުގައި ވެސް ނައިބު ރައީސްކަން ތިން ބޭފުޅަކު ކުރެއްވި ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް އިނާޔަތް ދިނުމަކީ ދައުލަތަށް ކެރި ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ.