ފަނޑިޔާރުންގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތައް ދެދުވަސް ސުޕްރީމް ކޯޓުން ދެއްވައިފިއެވެ.

މިމައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތްތަކުން ފަނޑިޔާރުންގެ ޤާނޫނުގެ އިސްލާހް ބާތިލް ކުރަން އެދުނު ނަމަވެސް ދައުލަތުން ބުނީ ބައެއް މައުލޫމާތު މަޖިލީހުން ރަސްމީކޮށް ލިބިފައިނުވާތީ އެމައުލޫމާތު ސާފުކުރުމަށް މުއްދަތެއް ދެއްވުމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ޖަވާބުދާރީވުމަށް ދައުލަތައް ދެދުވަސް ދެއްވާފައެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހް ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި އަނާރާ ނައީމް އަދި އަލީ ހުސައިން އެވެ. އީބޫ ފުލުހުންގެ ބަންދުގައި ހުންނެވުމުން މިއަދުގެ ޝަރީޢަތައް ވަޑައެއް ނުގަންނަވައެވެ. ތިން ބޭފުޅުންގެ ވަކީލުންގެ ގޮތުގައި ޝަރީޢަތައް ވަޑައިގެންނެވީ އިބްރާހިމް ރިއްފަތު އާއި ސަފާ ޝަރީފްއެވެ.

ރިއްފަތު ޝަރީޢަތުގައި ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ޤާނޫނަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ޤާނޫނެއް ކަމަށާއި އެހެންކަމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރު ނުވާ ޖަލްސާއެއްގައި ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ނުކުރެވޭނެ ކަމަށެވެ. ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ކުރަން މާޗް 13 ވަނަ ދުވަހު ޖަލްސާ ކުރިއަށް ގެންދިޔައީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނެތިކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން ފުލުހުންގެ ބަންދުގައި ތިބި ރައްޔިތުން މަޖިލީހުގެ ފަސް މެންބަރަކު ރައްޔިތުން މަޖިލީހުގެ ޤަވައިދުގެ 205 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭއިރު ބިލް ފާސްކުރީ އެމެންބަރުން ހާޒިރުކޮށް ނުދެއްވާ ބޭއްވި ޖަލްސާއެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

ފަނޑިޔާރުން އައްޔަން ކުރެވޭނީ ވަކި މުއްދަތަކަށް ނޫން ކަމަށް ވާއިރު ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހްގެ ދަށުން އިދާރީ ގޮތުން ފަނޑިޔާރުން މަގާމުން ވަކިވެގެން ދާނެ ކަމަށާއި މިއީ ނުފޫޒެއް ނެތި މަސައްކަތް ކުރުމަށް ފަނޑިޔާރުންނަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ވަކީލުން ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަކީ ރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަޤުވާމީ އަދުލްއިންސާފުގެ ހަތަރު މުއާހަދާއަކާއި ހިލާފު އިސްލާހެއް ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

ޝަރީޢަތުގައި އަނާރާ ނައީމް ވިދާޅުވީ ޖޭއެސްސީ އަކީ ވަރަށް ގިނަ ސިޔާސީ ބޭފުޅުން ތިއްބަވާ ތަނެއްކަމަށާއި އެހެންކަމުން ޖޭއެސްސީ އިން އަދުލްވެރި ނިންމުންތަކެއް ނިންމާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ފަނޑިޔާރުން ޖިނާޢީ ކުށެއް ކޮށްފިނަމަ އަމަލު ކުރަން ޤާނޫނު އަސާސީގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންކަމުން މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ވަކި ގޮތެއް ކަނޑައެޅި ދާނެ ކަމަށެވެ.

އަދި ޤާނޫނު އަސާސީގައި ވަކި ގޮތެއް ކަނޑައަޅާފައި ނެތުމަކީ ޖިނާޢީ ކުށެއް ކުރުމަށް ލިބޭ ފާހެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގައި އޮތީ ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު އަދުލްއިންސާފު ގާއިމް ކުރުމަށް ކަމަށާއި އެމުއާހަދާތަކާއި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހް ތައާރުޒު ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    އަމިއްލަ ފޫކޮޅުގައި އަމިއްލައަށް ރޯކުރާއިރުވެސް ސުޕްރީމް ކޯޓުގެ ފނޑިޔާރުންނަށް ނޭނގޭތޯ؟ ހުރި އިހްލާސްތެރިކަމެއް މިފަހަރު ފެނިގެންދާނެ