ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް މާލެ ކައިރިއަށް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ވެލި ބަރުކޮށްގެން ހުޅުމާލެ އަށް ދަތުރުކުރި ދޯންޏެއް މާލޭ ކޮމާޝަލް ބަނދަރު ސަރަހައްދުގެ ބޭރުން ބަންޑުން ޖަހާލައިގެން މާލޭ އޭރިއާގެ ކޯސްޓްގާޑް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބަންޑުން ޖަހާލީ "ކުރިމަގު" ނަމަކަށް ކިޔާ ދޯންޏެކެވެ. ދޯނި ބަންޑުން ޖަހާލި އިރު އޭގައި ހަ ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އޭގެ ތެރެއިން ހަ މީހަކު، އެސްޓީއޯގެ ޒިބްރާ ޓަގް ބޯޓަށް ނެގި ކަމަށާއި ދެން ހުރި މީހާ ނެގީ އެމްއެންޑީއެފްގެ ކޯސްޓް ގާޑު ލޯންޗަށް ކަމަށެވެ.

މިހާދިސާގައި ބިދޭސީއެއްގެ ކަށިމައްޗަށް އަނިޔާވިއެވެ. ދޯނިން ދަތުރުކުރި އިތުރު މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.