ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގެ އެޖެންޑާގައި ހުރި ހުރިހާ ކަމެއް އެންމެ 11 މިނެޓުން ނިމުމުން މެންދުރު ފަހު ވޯޓަށް އެހުމުގެ ދަންފަޅި ކުރިއަށް ގެންދާ ގޮތައް މިއަދުގެ މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 9:03 ގައި ފެށީ 23 މެންބަރުންނާއެކުގައެވެ.

ހަތަރު ޖަލްސާއެއްގެ ޔައުމިއްޔާ ފާސް ކުރުމާއި، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ފުޅުތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ފަހު ގައުމީ ސަލާމަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތެވެ.

ޖަލްސާގައި ޔައުމިއްޔާތައް ފާސް ކުރުމަށްފަހު އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވިއެވެ. ސަފީރުކަމަށް ކަނޑައެޅުމަށް ފޮނުވި ނަންތައް ދިރާސާކުރުމަށްފަހު، ކޮމިޓީން ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށް 30 މިނިޓްގެ ފުރުސަތެއް ރިޔާސަތުން މެންބަރުންނަށް ހުޅުވައިލެއްވި އެވެ. ނަމަވެސް ރިޕޯޓަށް ބަހުސް ކުރަން އެއްވެސް މެންބަރަކު އެދިވަޑައިނުގަތުމުން މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

މިއަދު މަޖިލީހުގެ ވޯޓަށް އަހާ ދަންފަޅި ފަށާނީ 13:30 ގައެވެ. މިއަދު ވެސް ރިޔާސީ ކޮމިޝަންގެ ބިލް ފާސްކުރަން ވޯޓަށް އެހުމަށާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތައް ޤާނޫނަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން ވަނީ ތާވަލް ކޮށްފައެވެ. އިއްޔެ ވެސް އެދެމައްސަލަ އަށް ވޯޓަށް އެހުމަށް ތާވަލް ކުރިއެވެ. ނަމަވެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ކަމަށްވާ 43 މެންބަރުން ޖަލްސާ އަށް ވަޑައިނުގަތުމުން ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރިޔަމް

    ކުރާނެ މަސައްކަތެއް ނޯންނާނެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ވޮލަންޓިއަރ ގްރޫޕެއް ވިއްޔަ. ރައްޔިތުންގެ ލާރީގަ ބޮޑު ގޮނޑީގަ ތިބެގެން ރައްޔަތިނުންނަށް ކަމެއްކޮށްދެވޭތޯ ބަލާބާ ހެޔޮނުވާނެ. މި ނޫނަސް ދުނިޔެއެއް އޮތްކަން ހަނދުނަކޮށްބަލަ.

    16
  2. ޑޮންޑޮން

    މިމަޖިލީހަކީ ކޮރަޕްޓު، ބޭކާރު، އިސްރާފު، ބޮއްސުންލާފައިވާ، ފެންވަރުނެތް މީހުން ތިބޭ، ހަލާލުނޫން މުސާރަދޭ، އަމިއްލައެދުންބޮޑު، ރިސްވަތުހިފާ، ވޯޓުވިއްކާ، ތަޅާފޮޅާ، ގޮތްކުޑަ، އަގުވެއްޓިފައިވާ، އިތުބާރުނެތް، ހުރުމަތްކެނޑިފައިވާ. އިހުތިރާމުނުލިބޭ ތަނެއް.

    16
    1
  3. ކަޅުސޮރު

    މިއަދުގެ މުސާރަ ހަލާލު ނުވާނެ. އަހަރެމެންގެ ފައިސާ ނުހައްގުން އެމީހުންނަށް ދިނުމަކީ އަހަރެމެންގެ ހައްގަށް އަރައިގަތުން. ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަމެއްކަން ހަނދާން ކޮށްގެން ތި މުސާރައިގަ ހިފާތި ހަރާންކޯރު މެންބަރުންތައް.

    14
    1
  4. ހުސޭނުބޭ

    ކުރާނެ މަސައްކަތެއް ނެތީކީނޫން! ފެބްރުއަރީ މަހުގެ މުސާރަ ވޮލެޓަށް އަޅާގެން ގެއަށް ނުގެންދެވޭތީ ކޮންމެ ބޭފުޅަކުވެސް ގެއަށް ވަޑައިގަތީ މުސާރަ ގެންދާނެ ވީލްބަރޯއެއް ހޯއްދަވަން!