ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ޑޮކްޓަރަށް ދައްކާފައިވާކަމުގެ މައުލޫމަތެއް ލިބިފައިވާކަމަށާއި، މިދިޔަ ހަފްތާވެސް އަދީބު ދެއްކިއިރު، އަދީބްއަށް ވީ ގޮތެއް ނޭނގޭކަމަށް، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

މިއަދު ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އަދީބު ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް، އެނބުރި ޖަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އަދި ކަރެކްޝަންގެ ފަރާތުން ޑޮކިޔުމެންޓްތަކުން މިދިޔަ ހަފްތާ އަދީބު ނިއުރޮލޮޖިސްޓަަކަށް ސިކުނޑީގެ އެމްއާރްއައިއެއް ހައްދަން ދައްކާފައިވާކަމަށާއި، އަދީބުއަށް ވީ ކިހިނެއްކަން ނޭގޭ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

އަދި އަދީބު އަނެއްކާވެސް ޖަލުގެ ގޮޅި ތެރެއަށް ވެއްޓުނީތޯ ނަޝްވާ ވަނީ ސުވާލުއުފައްދަވާފައެވެ.

"ވަރަށް ސާފްކޮށް ޑޮކްޓަރުންގެ އިރުޝާދަށް ތަބާވެފައި ނުވާކަން އިނގޭ". ނަޝްވާގެ ޓްވީޓްގައި ވެއެވެ.

މިހާރު މާފުށީ ޖަލުގައި ހުންނެވިއަދީބުގެ ސިއްހީ ހާލުކޮޅާއި މެދު އާއިލާއިން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އަދީބުއަށް ފަރުވާދިނުމުގައި އިހުމާލުވެފައިވާކަމަށް ބުނެ، އަދީބުގެ އާއިލާ އިންނާއި އޭނާ ނިސްބަތްވާ އެމްޓީޑީން ގެންދަނީ އަޑު އުފުލަމުންނެވެ.