ކަނޑުގައި ދުއްވާ އުޅަނދުތައް އޮންނަ ސަރަހައްދު ބެލޭނެ ޑިވައިސްތައް ސަރުކާރަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލަން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަށް ޚަރަދު ކުރާނީ ވޯލްޑް ބޭންކުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ އުޅަނދުތައް އޮންނަ ސަރަހައްދާއި ސެޓްލައިޓް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ ޚިދުމަތް ލިބޭނެ ޑިވައިސް ސަޕްލައިކޮށްދީ، އުޅަނދުތަކުގައި ހަރުކޮށް ހަތަރު އަހަރު ދުވަހަށް އެތަކެތި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދާށެވެ.

އިއުލާނުގައި ވިދާޅުވެފައި ވަނީ ޑިވައިސް ހަރުކުރަން ބޭނުން ވަނީ 723 އުޅަނދުގައި ކަމަށެވެ. ބިޑިން ޑޮކިއުމެންޓްގައި އިތުރު ތަފްސީލްތައް ހިމަނާފައި ހުންނާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މިކަމަށް ބިޑް ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީން ވާން ޖެހޭނެއެވެ. ބިޑް ހުށަހެޅުން އޮންނާނީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އުޅަނދުތައް އޮންނަ ސަރަހައްދުތައް ދެނެގަންނަ ޑިވައިސްއެއް ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ހަރުކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރިއަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެން ދާނެއެވެ. އެފަދަ ޑިވައިސްއެއް ހަރު ކުރުމުން އުޅަނދެއް ގެއްލިގެން ރިޕޯޓް ކުރުމުން ހޯދަން ކުރަން ޖެހޭ މަސައްކަތް ކުޑަވެފައި އެފަދަ ކަމަކަށް ކުރަން ޖެހޭ ޚަރަދު ވެސް މަދު ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަހުތު

    އިންސާނުންގައިގަހަރުކުރާނީކޮންއިރަކު އޭރުންހޯދަންފަސޭހަވާނެ

  2. Anonymous

    އިތުރު ޑިވައިސްއެއް ގަންނަން ނުޖެހޭމިންވަރަށް މިހާރު މިޤައުމުގައި އިންޑިޔާގެ ޑިވައިސްތައް ކޮންމެ ދުވަހަކުހެން ރާއްޖެއަށް އެތެރެވަމުން އެގެންދަނީ........ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޑިވައިސްތައް ހަރަކާތްތެރިވަމުން ގެންދާމަންޒަރު ފެންނަމުން ދަނީ....