ޖަލުގައި ހުންނެވި ނަމަވެސް އަދިވެސް ބާރުގަދައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ޕީޕީއެމްގެ ކުރީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށައެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ބަދަހި ކޯލިޝަންގެ ބާރެއް މަޖިލީހުގެ ތެރޭގައި ނުފެންނަ ކަމަށެވެ. އެހެންކަމުން ޖަލުގައި ބޭންދިޔަސް މިއަދު އަދިވެސް ގަދައީ ރައީސް ޔާމީން ކަމަށާއި ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މަޖިލީހުން ޤާނޫނެއް ހަދަން ވެސް ބޭނުންނުވާ ކަމަށާއި
ކޮންމެ ނިންމުމެއް ފަނޑިޔާރުގެއިން ބަދަލުކުރާ ކަމަށެވެ.

" މިއީ 87 މެމްބަރުން ތިބޭ ތަނެއް، އެކަމަކު 4 ފަނޑިޔާރުން ކަމެއް ނިންމީމަވެސް އަޅުގަނޑުމެންނަށް ނުކެރޭ އަނގައިން ބުނެލަން އިލެކްޝަންސް ކޮމިޝަން އުވާލައްވާ، އިލެކްޝަންސް ކޮމިޝަން އުވާލައްވާފަ ފަނޑިޔާރުގެ ޤާނޫނަށް ލާ އިންތިހާބުގެ ކަންކަން ބައްލަވާނީ ފަނޑިޔާރުގެއިން މާ ފަސޭހަ ވާނެ،" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް އިސްލާހެއް ހުށައަޅަން ބޭނުންވާ ކަމަށާއި، އޭގައި މީގެ ފަހުން ދިވެހިރާއްޖޭގެ އިންތިހާބާ ބެހޭ ކަންތައްތައް ކުރިޔަށް ގެންދާނީ ސުޕްރީމް ކޯޓުން ކަމަށް ކަޑައަޅަން ޖެހޭ ކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ އިންތިޚާބުގެ ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީ ތަކުން ބޭއްވި އިންތިޚާބު ތަކުން ބަލިވި މީހުން، މަޖިލިސް އިންތިޚާބުގައި ވާދަކުރާން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ، އެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ޤާނޫނީވަކީލް އަބްދުލްމާނިއު ހުސައިން އަދި ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެކިފުތާ

    ވެރިކަމުގެ ހުރިހާ ބާރެއް އޮއްވާ އަހަރުމެން ނިކުމެ ޖަހާލީ ފާހަގައެއް. ކުރިއަށް އޮތްތަނުގައި ބާރުގަދަކަން އެނގިގެންދާނެ އަނެއްކާވެސް އަހަރުމެން ގޮތްނިއްމާ ދުވަސް މިއޮތީޖެހިފައި.