ސުޕްރީމް ކޯޓުން އިންތިހާބާ ގުޅޭގޮތުން ކުރި ހުކުމަކީ ހިމޭން ބަޢާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ، ސްޕްރީމް ކޯޓުގެ ހުކުމަކީ އެމްޑީޕީއަށް ގެއްލުން ދިނުމަށްޓަކައި، ދެންހުރި ޕާޓީތަކަށް ވާގިވެރިވެ ދެއްވުމަށްޓަކައި ކޮށްލި ބޮޮޑު ޖަރީމާއެއް، ހިމޭން ބަޢާވާތެއް ކަމަށެވެ.

"އިންތިހާބުގެ ޤަވާއިދުތަކާއި އުސޫލުތަކަށް ކުއްލި ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭ ކަމެއް ނޫން ، ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކީ އެމްޑީޕީއަށް ގެއްލުން ދިނުމަށްޓަކައި ނިންމި ނިންމުމެއް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، އިންތިހާބުގެ ކުޑަތަން ވެފައި ވަނިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

" އިންތިހާބާ ކުޅެން އުޅުން، އިންތިހާބުގެ ކަންކަމަށް އެގޮތް މިގޮތް ހަދަން އުޅުން، މިއީ އަޅުގަނޑުމެންގެ ޕާޓީގެ މައްސަލައަކީ، އަޅުގަނޑުމެން ޤަބޫލުކުރާ ހަމައެއް ނޫން އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް އިންތިހާބުގެ ކަންކަމަށް އިތުރު ކުއްލި ބަދަލުތައް ގެނައުމަކީ، އެޝަކުވާ އަޅުގަނޑުމެން އަބަދު ވެސް ކުރަނީ" އިންތި ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިޚާބުގެ ޓިކެޓު ދިނުމަށް ސިޔާސީ ޕާޓީ ތަކުން ބޭއްވި އިންތިޚާބު ތަކުން ބަލިވި މީހުން، މަޖިލިސް އިންތިޚާބުގައި ވާދަކުރާން ބޭނުންވެގެން އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރީން ފޯމު ހުށަހަޅައިފި ނަމަ އެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ޤާނޫނީވަކީލް އަބްދުލްމާނިއު ހުސައިން އަދި ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދު އެވެ.