ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކައި ބެހޭ ކޮމެޓީއަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަކާ މުހައްމަދު ހަމީދާއި ޕީޖީވެސް މަޖިލިސް ކޮމިޝަނަށް ހާޒިރު ކުރުމަށް ނިންމާފައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ޕްރެސްގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، އެ ދެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި، ދިވެހި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގައިވާ ހައްގުތައް ކަށަވަރު ކޮށްދިނުން، 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުން، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު، 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން، 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުމާ ހިލާފުވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިފާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވެފައިވާ އެތައް ބައެއް އުޅެނިކޮށް، ހަމައެކަނި ރައީސް ޔާމީނަށް އުފުއްލަވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި، އެކަމަކީ ޕޮލިސް އެކްޓިން ކޮމިޝަނަރުގެ ޒާތީ ކަންތައްތަކެއް ކަމަށެވެ. އަދި އެ މައްސަލަތަކުގައި ދެން ޖަވާބުދާރީ ކުރެވޭނީ މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީއަށް ކަމަށެވެ.

އެގޮތަށް ވިދާޅުވި ނަމަވެސް އެ މައްސަލަ ވެއްދުމަށްފަހު މިއަދު ވަނީ ނަގާފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް މިހާރު މަޖިލީހަށް ވައްދާފައެވެ.