މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު އިންތިޚާބުކޮށްފިއެވެ.

އެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ކުރިން ހުރި، ރޮޒައިނާ އާދަމް މިއަދު ކޮމިޓީން ނަން ނަގާފައި ވަނީ އެކަމަނާ ކޮމިޓީން ވަކިކުރަން އިތުބާރު ނެތް ކަމަށް ހުށަހަޅާފައި ވަނިކޮށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޮޒައިނާ ވަކިކުރަން ހުށަހެޅީ ޕީޖީ ބިޝާމްއާއި އެކްޓިން ޕޮލިސް ކޮމިޝަނާ ހަމީދު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުގެ މައްސަލަ ނުބަލަން ރޮޒައިނާ ނިންމުމާ ގުޅިގެންނެވެ. ރޮޒައިނާ ވިދާޅުވީ ޝަރީއަތުގައި މައްސަލަ އޮތުމުން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ރިޔާޒު މިއަދު އައްޔަން ކުރެއްވީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާއެކު، ހަތް ވޯޓުންނެވެ. އެ ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު ދެން ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ.