ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ރިޔާޒުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ރިޔާޒް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފަ އެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ހައްޔަރުކުރި ބައެއް ފަރާތްތަކުގެ ބަންދުގެ މުއްދަތު ވެސް މިހާރު އަންނަނީ އިތުރުކުރަމުންނެވެ.