ގަވާއިދުން ފެން ބިލްތަކައް ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ކަސްޓަމަރުން އެބަތިބިކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ފެންކަނޑާ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ފެންކަނޑަން ޖެހެނީ ރައްޔިތުން ބިލްތައް ނުދައްކާތީ ކަމަށެވެ.

އާދަމް އާޒިމް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ފައިސާ ނުލިބި ގިނަ އަދަދެއްގެ ފެން ބިލް ހުރިކަމަށެވެ. އެގޮތުން ގާތްގަނޑަށް އެއް މަހަށް ވުރެ ގިނަ ދުވަހު ފައިސާ ނުދައްކާ ހުރި ކަސްޓަމަރުންގެ އަދަދު 50 ޕަސެންޓަށް އަރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެ އަދަދު ވަރަށް ބޮޑަށް ތިރިކުރެވިފައި ވާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ފެންމީޓަރު ކަނޑާނީވެސް އެގެއަށް އެކަން އެންގުމަށް ފަހު ކަމަށެވެ. އަދި އެ ހިދުމަތް ލިބޭނީ އެމްޑަބްލިވްއެސްސީއަށް ފައިސާ ލިބިގެންކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި ފެނުގެ ހިދުމަތަށް ދައްކަން ޖެހޭ ފައިސާ ގަޑިން ގަޑިއަށް ދައްކައިދޭން އެދޭ ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އަދި އެ ބިލްތައް ނުދައްކާ ހުރުމަކީ ރައްޔިތުންނަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށާއި، ސާ ޗާޖާއި ޖޫރިމަނާ އިތުރުވަމުން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ސާ ޗާޖް އިން އެ ކުންފުންޏަށް ފައިދާވާން ބޭނުންނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އަދި އެބިލްތަަކަށް ފައިސާ ދެއްކުމަށް ފަސޭހަ ނިޒާމެއް ގާއިމްކޮށްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި، އެބްޑަބްލިވްއެސްސީ އެޕް، ބީއެމްއެލް އުރީދޫ، ދިރާގު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސްދޮގު

    ފެން ކަނޑާލީ އެއްވެސް އަންގާލުމެއްވެސް ނެތި. އަލަށް ފެން ކަނޑާލީ ބިލް ނައިސް އެތައް ދުވަހެއްވީ ފަހުން. ތިޔަ ތަނުގެ އިހްމާލު ވަރަށް ބޮޑު ބިލް ހަވާލުކުރުމުގައި. އެއްގޮތަކަށްވެސް ބިލް ނުގެންނާނެކަން އަންގާލާފަ ބާއްވާނަމަ އަމިއްލައަށް ބިލް ހޯދައިގެން ދައްކަން ސަމާލުވެވޭނެ.

  2. ބީތާ

    ބީތާވެފަތަ އާޒިމް ތިހުންނެވީ. ދެއްކޭ ގޮތް ކިތަންމެ ފަސޭހަޔަސް އެވަރަށް ޢާމްދަނީއެއް ނުލިބެޔޭ. މާލޭގަ ދިރިއުޅޭ 96 ޕަސެންޓް މީހުންނަކީ ކިރިޔަކިރިޔާ ލިބޭއެއްޗަކުން ދެކޮޅުޖެހޭ މީހުން. އެހެންވީމަ ޕެންޑިންގ ގަ 1ފޯނުބިލް 1ފެންބިލް 1 ކަރަންޓްބިލް އޮންނާނެ. ބޮލަކަށް ކިތަންމެ ޑޮލަރެއް ލިބުނަސް ފަގީރަކަށް ކުރާ ފައިދާއެއް ބުނެދީބަލަ އަނަގަބޮޑުކޮށްފަ. އެވެސްކުރާނީ މުއްސަނދިންނަށް.

  3. ބަނާނަ މޭން

    ނުދައްކާ ގެތަކުން ފެންކަނޑާލަންވީނު ފެނަކައިންވެސް ހަދަނީ އެހެންނޫ

    2
    1
  4. ޖިންނި

    އޯގާތެރި ސަރުކާރުން ފެން ހިލޭ ކޮށްބަލަ

  5. ކޯޅި

    ބިލްތައް ދައްކާނެ އެޕް ތަކެއް ނެތިގެނެއް ނުން ނުދައްކަ ހުންނަނީ! ތިޔަ ފެން ބިލްތައް ކުޑަކޮށް އަގު ހެޔޮވެގެން ނުދައްކާން މި ހުންނަނީ

  6. ބޮޑުބެ

    ކަލޯ އާދަނާ. ކަލޯމެނަށް ކުލިދައްކާފަ ހަމަ ނެތީ އޭ ލާރި. ރައްޔިތުމީހާ ހަނާ ވާއިރުވެސް ތިކިޔަނީ ފެންބިލު ދައްކާށޭ އަވަހަށް. ބަލަ މިއުޅެނީ އަގަޔާ އަތާއި ދިމާނުވެގެންނޭ.

  7. ފާތުމަ

    ފެންބިލާ ކަރަންޓު ބިލް ދައްކަންވީމާ ލާރިއެއްނުހުރޭ.ބަލިވީމާ ބޭސް ކުރާކައް ލާރިއެއްނުހުރޭ.އާސަންދައިންބޭސްކުރެވޭތީ ހުރުމަށާ ކެމަށް ހަރަދުކުރާނެލާރިނުހުރެގެން އަބަދު ސަލާންޖަހާތަން މިފެންނަނީ.އެކަމަކު ގޭގެ ވައިފައި ބިލް ދައްކާށާއި އެންމެފަހުގެ ފޯނާ ސައިކަލާ ގަނެފަ އެންމެފަހުގެ ސްޓައިލް ހެދުންލާފައި ދުވާލަކު ތިންހަތަރު ކޮފީ ބޯށާއި އަގުބޮޑެތިހާ ރެސްޓޯރެންޓުތަކުން ކާށާއި ރިސޯޓުތަކަށާއި ބޭރުގައުމުތަކަށްދާން ލާރިހުރޭ.

    1
    1
  8. ޓެޕްވޯޓަރ

    އާޒިމް ވިދާޅުވީ، ފެންމީޓަރު ކަނޑާނީވެސް އެގެއަށް އެކަން އެންގުމަށް ފަހު ކަމަށެވެ. ތިއީ ކަޑައެޅިގެން ބޮޑު ބުހުތާނު ދޮގެއް. ފެންބިލްގެ ޑިއު ޑޭޓް ހަމަވެގެން 4 ދުވަސް ވީމަވެސް އެބަހުރި ފެންކަޑާލާފަ އަދި ގޭގެޔަށްވަދެ ބޮޑު ތަޅުއަޅުވާލާފަ ދާއިރު ހިތަކަށްނާރާ ގޯތި ގެދޮރަކީ އިސްލާމް ދީނުގާއިވެސް ހުރުމަތް ތެރިވެގެން ވާތަނެއްކަމެއް. ދިވެހިރާއްޖޭގެ ގާނޫނު އަސާސީންވެސް ގޯތިގެދޮރު ވަނީ ހުރުމަތް ތެރި ކޮއްދީފަ. ގޭގެޔަށް ވައްކަންކުރަން ވަންނަމީހާވެސް ސަލާމް ގޮވާލާ މީހަކު ފެނޭތޯ. މިވަރު ނުވޭ މަނިއްޕުޅުގެ މުވައްޒަފުންނަށް. ހުރިހިތާމަޔެއްގެ ބޮޑުކަމާއޭ

    1
    1