އާސާރި މޯލްޑިވްސް އާއި އެގްޒެބިޝަން އެންޑް ކޮންފަރެސް ސާވިސްއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކެރިއަރ އެކްސްޕޯ "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2019". މިއަދު ދަރުބާރު ގޭގައި ފަށައިފިއެވެ.

މިއަދު ހަވީރު 16:00 ގައި މި އެކްސްޕޯ ރަސްމީކޮށް ދަރުބާރު ގޭގައި ފެށިއިރު މި އެކްސްޕޯ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމު ހަސަނެވެ.

އެކްޕޯ ހުޅުވައިދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމު ހަސަން ވަނީ މަތީ ތައުލީމާއި ވަޒީފާ ބޭނުންވާ ދަރިވަރުންނަށް މިފަދަ އެކްޕޯއެއްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ.

މިއަދު ފެށި އެކްސްޕޯ ހުޅުވުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަބްދުﷲ އަޝްހާދު

ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާ މި އެކްސްޕޯގައި މިއަހަރުވެސް ސްރީލަންކާއާއި ރާއްޖޭގެ އިތުރުން އިންޑިއާއާއި ތައިލެންޑް، ސިންގަޕޯރގެ އިތުރުން މެލޭޝިއާ އަދި ޖަރމަނީ އިން 40 އަށްވުރެން ގިނަ ކޮލެޖްތަކާއި ޔުނިވަރސިޓީތައް ބައިވެރިވެފައި ވެއެވެ.

ރާއްޖޭގެ ގިނަ ކޮލެޖްތަކުންވެސް މި އެކްސްޕޯގައިބައިވެރިވާ އިރު، ގާތްގަނޑަކަށް 48 ސްޓޯލް މި އެކްސްޕޯގައި ހަރަކާތްތެރިވާނެއެވެ. މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިވާ ކޮލެޖްތަކުގެ ތެރޭގައި ކްލިކް ކޮލެޖް, ވިލާ ކޮލެޖް, ސައިރެކްސް ކޮލެޖް, މެޕްސް ކޮލެޖް ހިމެނެއެވެ.

މިއީ އާސާރި މޯލްޑިވްސް އާއި އެގްޒެބިޝަން އެންޑް ކޮންފަރެސް ސާވިސްއިން ބާއްވާ ހަތަރު ވަނަ އެޑިއުކޭޝަން އެކްސްޕޯއެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އަސަރީ ސާވިސްގެ އިވެންޓް ޑަައިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ، މި ފަހަރުގެ އެކްސްޕޯއަކީ މިދިޔަ ތިން އަހަރައި އަޅާބަލާއިރު، އެންމެ ބޮޑުކޮށް މިފަދަ އެކްސްޕޯއެއް ބޭއްވިގެންދާ ފަހަރު ކަމަށެވެ. އަދި މި އެކްސްޕޯގައި ވަރަށް ހާއްސަ ތަފާތު ތަޖުރިބާތަކެއްވެސް ލިބިގެންދާނެ ހަތަރު ސެމިނާއެއްވެސް ކުރިއަށްދާ މުއީނާ ވިދާޅުވިއެވެ. އަދި މިއީ މުޅިން ހިލޭ ބައިވެރިވާން ލިބޭ ފުރުސަތެކެވެ.

އެންމެ ބޮޑު އެޑިއުކޭޝަން ފެއާ --- ވަގުތު އިމޭޖްސް/ އަބްދުﷲ އަޝްހާދު

އެގޮތުން އެ ސެމިނާތަކުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެވޯޑް ވިނިން ހަތަރު ޝެފަކު މައުލޫމާތު ދޭނެ ސެމިނާއަކާއި، އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުން ހުރި ސެމިނާއަކާއި. ބްރޭންޑިންގ އާއި ޕްރޮޑަކްޓް ޑެވެލޮޕްމެންޓްއާ ގުޅުން ހުރި ސެމިނާއެއްގެ އިތުރުން، ސިއްހީ ދާއިރާއާ ގުޅުން ހުރި ސެމިނާއެއް ހިމެނެއެވެ.

އަދި އެކްސްޕޯ ތެރޭގައި، މާކެޓާސް ފޯރަމްގައި ބަައިވެރިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފުރުސަތެއްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެ ފޯރަމްގައި ވަރަށް އަގުހެޔޮކޮށް ބައިވެރިވެވޭނެ ފުރުސަތު އެ އެކްސްޕޯގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.

އަދި މީގެ އިތުުރުން، މަތީތައުލީމްގެ 500 އަށްވުރެ ގިނަ ފުރުސަތުތަކާއި، އަދި ނަޝީ ކޭކްސްގެ ފަރާތުން ކަޕްކޭކްސް އާއި، ސެމިނާތަކުގައި، ޕިއްޒާ އާއި ކޯކްވެސް ލިބިގެންދާނެއެވެ.