އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައެޅުމަށް ޕެޓިޝަންގައި ސޮއި ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ ނަމުގައި ހުށައަޅާ މިޕެޓިޝަނުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާއްމުން ވެސް މިހާރު ސޮއި ކޮށްފައިވާ ކަމަށް ވެއެވެ.

މި ޕެޓިޝަން ހުށައަޅަނީ ރާއްޖޭގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހިނގާފައިވާއިރު އެމައްސަލަ ނުބެލި މެމްބަރުން އިހުމާލުވެފައިވާ ކަމަށް ބުނެއެވެ.

އެތައް ދުވަހަކަށް ފަހު އޭސީސީ އިން އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގީ ރިޕޯޓެއް އޭސީސީން ވަނީ އާއްމު ކޮށްފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަނީ އެތައް ދުވަހެއް ވަންދެން ރިޕޯޓް ނެރުން ލަސް ކުރުމުންނާއި ރިޕޯޓްގައި އެންމެ ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުންނެވެ.

ފާޑުކިޔުންތަކަށް ރައްދު ދެމުން އޭސީސީ އިން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަޙްޤީޤު އަދި ނިމިފައި ނުވާކަމަށާއި އެމައްސަލައިގައި އަދި އިތުރު މައުލޫމާތުތައް ހާމަވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީން އަމަލުކުރި ގޮތުގެ އިތުރުން ފާއިތުވި ފަސް ވަރަކަށް އަހަރު ސަރުކާރުގެ އެކި ވެރިންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތައް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކޮށްފައި ނުވާކަމުގެ ތުހުމަތު ވެސް އޭސީސީގެ މެންބަރުންގެ މައްޗަށް ވަނީ ކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި އެމްޑީޕީގެ ސީނިއާ މެންބަރުން ސޮއި ކުރައްވަމުން ގެންދަވާއިރު އެމްއެމްޕީއާރްސީގެ ގިނަ އަދަދެއްގެ ފައިސާ އެމްޑީޕީގެ ބައެއް ސީނިއާ މެންބަރުންނަށާއި އެމްޑީޕީއަށް ޚަރަދު ކުރާ ބައެއް ވިޔަފާރިވެރިންނަށް ވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޫ ޢަޝަރަ

    އެތަނެއްގެ ބައެއް މެމްބަރުންނަށް ގިނަ ޢަދަދަކުން ފައިސާ ލިބުމަކީ އެތަނަކުން ބަލަންޖެހޭ ކަމެއް ނުބަލައި ދޫކޮށްލަން ޖެހޭނެ ކަމުގެ ޙުއްޖަތެއް ކަމަކަށް ނުދެކެން. އޭސީސީގެ ބައެއް މެމްބަރުންނަށް މި ޚިޔާނާތުގެ ބައި އެޅުމަކީ އޭސީސީ ން މި ޚިޔާނާތްތައް ނުބަލައި ދޫކޮށްލަން ޖެހޭނެ ކަމެއް ކަމަކަށްވެސް ނުދެކެމެވެ.