2018 ވަނަ އަހަރު 2534 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސްގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު އެ ރިޕޯޓްގައި ބުނެފައި ވަނީ، ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 2004 މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ހުށަހަޅާފައިވަނީ ސުޕީރިއަރ ކޯޓުތަކަށް ކަމަށެވެ.

އަދި 530 މީހުންގެ މައްޗަށް ދަޢުވާ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާފައިވާއޮރު، ސުޕީރިއާ ކޯޓުތަކަށް ހުށަހެޅުނު 2004 މީހުންގެ ދަޢުވާގެ ތެރެއިން، 980 މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑްރަގް ކޯޓަށް 973 މީހުންގެ މައްސަލަ އަދި ޖުވެނައިލް ކޯޓަށް 51 ކުދިންގެ މައްސަލަ ހުށަހަޅާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ، ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތެއްގެ ގޮތުގައި ޖުމްލަ 100 އަންހެނުން ހިމެނޭކަމަށާއި، ފިރިހެނުންގެ ޢަދަދަކީ 2434 ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިން ހިމެނޭ މައްސަލަތަކުގެ އަދަދު 75 ކުދިން ހިމެނޭއިރު، 2459 މީހުންނަކީ 18 އަހަރުން މަތީ ފަރާތްތައް ކަމަށް ޕީޖީއޮފީހުން އެ ރިޕޯޓްގައި ވެއެެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ، ތަޙްޤީޤީ އިދާރާތަކުން ޕީޖީ ހެޑް އޮފީހަށް މައްސަލަ ހުށަހެޅި ގޮތަށް ބަލާއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 1211 މައްސަލަ ހުށަހަޅާފައިވެއެެވެ،

އޭގެ ތެރެއިން 1203 މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންނެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން 06 މައްސަލައެއް ހުށަހަޅާފައިވާއިރު، ކަސްޓަމްސް ސަރވިސް އިން ހުށަހަޅާފައިވަނީ 02 މައްސަލައެވެ.

އަދި މިދިޔަ އަހަރުގެ ނިޔަލަށް ހެޑު އޮފީހުން ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ އެއަހަރުގެ މައްސަލަތަކުގެ ކުށުގެ ބާވަތަށް ބަލާއިރު، ޖުމްލަ 116 ބާވަތެއްގެ މައްސަލާގައި 1790 މީހުންގެ މައްޗަށް ދަޢުވާކޮށްފައިވެއެވެ. މި ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާލުސޮރު

    މީ ޔަހޫދީއެއް