ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް މީހުން ބިނާކުރުމުގައި ސައުދީ ޢަރަބިއްޔާގެ އެހީތެރިކަން ހޯދުމަށް ސައުދީ އަރަބިއްޔާއާއި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައްޖޭގެ ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދެޤައުމު އެކުގައި މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި، ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއެވެ. އަދި ސައުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ޑރ. ތައުފީޤު އަލް ރާބިއާއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ސައުދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓަރާއިއެކު ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އާއި ސައުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވާލައި ވާހަކަދެއްކެވިއެވެ.

އަދި ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރ އަމީން ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމަށް ސައުދީ ޢަރަބިއްޔާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންތައްތަކާއިގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެ އެއްބަސްވުމުގެ ދަށުން ޞިއްޙީމަރުކަރުތައް އިތުރަށް ތަރައްޤީކުރުމަށާއި، ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގައި ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެއެވެ.