ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މި ސަރުކާރުން ވަރަށް ބޮޑަށް އަނިޔާާވެރިވަމުންދާ ކަމަށް، ޕީ.އެން.ސީ ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ރައީސް ޔާމީނަށް މި ސަރުކާރުން މި ދަނީ ވަރަށް ބޮޑަށް އަނިޔާވެރިވަމުން. ހަޤީޤީ އަނިޔާވެރިކަމަކީ މިއީ." ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަތާ ސާދަ ދުވަސް ފާއިތުވެފައި ވީއިރުވެސް، އެއްވެސް ފަރާތަކުން ސުވާލެއްވެސް ކޮށްފައި ނުވާ ކަމަށާއި، ޓްރާސް ޕޭރެންސީ މޯލްޑިވްސް ގެ ދައުރާއި ގުޅޭގޮތުން ސުވާލު އުފެދޭ ކަމަށެވެ. އަދި މީގެ ކުރިން މީހުން ހައްޔަރު ކުރާއިރު ޓްރާންސް ޕޭރެންސީގެ ފަރާތުން އެ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ، އަޑުއުފުލި މަންޒަރު ފެނިފައިވާ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ރައީސް ޔާމީން ހައްޔަރުވިތާ ސާދަ ދުވަސްވީ އިރުވެސް، މިކިޔާ ޓްރާންސް ޕޭރެންސީ މޯލްޑިވްސް ވީ ކޮންތާކުތޯ؟. މިވާހަކަ ދަންނަވާލަން މިޖެހުނީ މީގެ ކުރިން އަޅުގަނޑުމެންނަށް ފެނުނު ސިޔާސީ ބޭފުޅުން ބަންދުކުރީމަ ވަރަށް ފޯރި އާ އެކީގަ ނިކުމެ ދޫކޮށްލަން ގޮވާލާ، އެކަމާ ބެހޭ ރިޕޯޓުތައް ހަދާ، ވަރަށް ވަރުދައްކާފަ އުޅެމުން ގެންދިޔަ މަންޒަރު. މިއަދަކު ނެތް އެމީހުންނެއް." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ސަރުކާރުން ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ނުފޫޒުފޯރުވުމަށް ކަމަށް، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖީ

    ވޯޓުވަގު ކިބޫ އަކައް ރައީސް ޔާމީނު ހައްޔަރުކޮއް ގެން ނޫނީ ހަމަނިދި ލިބެން ނެތިގެން ހިންގާ ބޮޑުޖަރީމާއެއް ކާރިމުސްތަގުބަލެއްގާ ަންނާނެ ދުވަހެ އިންތިޒާރު ގަކިބޫ ހުރުން އެމްމެ ރަންގަޅުގޮތަކީ

    14
    5