ހދ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ހިއްކި އެރަށު ކުޅީގެ ބާކީބައި، ހިމާޔަތް ކުރުމަށްޓަކައި ބޭރުގެ މާހިރުންގެ އެހީ ހޯދުމަށް ނިންމައިފިއެވެ.

އެންވެރޮމެންޓް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބައި ހިމާޔަތް ކުރުމަށްޓަކައި "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް"އިން ހުށަހަޅާފައިވާ އެހީ ގަބޫލުކުރަން ނިންމާފައިވާ ކަމަށެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެއް ނެޓްވޯކެވެ.

ދާދި ފަހުން އެންވެރޮމެންޓް މިނިސްޓަރ ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން އެ ކުޅީގެ މިހާރުގެ ހާލަތު ވެސް ބައްލަވާލައްވާފައެވެ.

އަދި އެރަށުގެ ކުޅި ހިމާޔަތް ކުރަން ނިންމާފައި މިވަނީ އެ ކުޅި ހިމާޔަތް ކޮށްދިނުމަށް އެދި އެތައް ބަޔަކު އެދެމުން ދަނިކޮށެވެ.