ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅަން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ބަލައިގެންފިއެވެ.

އެ އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެ ބިލު ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވިއެވެ.

މުހައްމާ ހުށައެޅި ބިލްގައިވާ ގޮތުން ބިލް ހުށައެޅީ ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާ ބަލާ އިރު، އެ މީހުންނަށް ނުހޯދޭނެ ނުވަތަ ހޯދަން އެކަށީގެން ނުވާ ނުވަތަ ހޯދުނު ގޮތް ބަޔާންކޮށް ނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށެވެ.

މަޖިލިހުން ގާނޫނުލްއުގޫބާތު ކުރިން ފާސް ކުރިއިރު، ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ކަނޑައަޅައިފައެއް ނުވާއިރު މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރެ، ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށް ދެމެހެއްޓުމަކީ ކުށެކެވެ.

މުހައްމާގެ އިސްލާހުގައި ވަނީ ކުށް ކުރީ ރައީސް، ވަޒީރެއް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް އަދި ފަނޑިޔާރެއްގެ މަގާމެއްގައި ހުރި ބޭފުޅަކު ކަމަށްވާ ނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

މި ކުށް ސާބިތުވެއްޖެނަމަ، އެންމެ ގިނަވެގެން ދެވޭނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ދެވޭނީ އެއް އަހަރާއި، ހަމަސް ދުވަހުގެ ޖަލު ހުކުމެކެވެ.