ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ) ތިނަދޫގެ ޒުވާނުންނަށް ހާއްސަކޮށް އެއް ދުވަހުގެ ހާއްސަ 5އޮން5 ފުޓްސަލް ޗެލެންޖެއް އިއުލާން ކޮށްފިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބްޅޯ ބާއްވާ "އަބްޅޯ 19 ފުޓްސަލް ޗެލެންޖަކީ" މާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ މުބާރާތެކެވެ. އަބްޅޯގެ ކެމްޕޭން ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް ފުރުސަތު އޮންނާނީ މިމަހު 10 ވަނަ ދުވަހާ ހަމައަށެވެ.

މުބާރާތުގައި ކޮންމެ ޓީމަކުންވެސް ހަ ކުޅުންތެރިންނާއި އޮފިޝަލަކު ރަޖިސްޓްރީ ކުރަން ޖެހޭ އިރު، މުބާރާތުގައި ކުޅެވޭނީ ހަމައެކަނި ތިނަދޫ ކުޅުންތެރިންނަށެވެ. މުބާރާތް އިއުލާން ކުރި، އަބްޅޯ ކެމްޕޭނު ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި މުބާރާތުގެ ކޮންމެވެސް އެއް ޓީމަކަށް އެމްޕީ އަބްޅޯވެސް ކުޅުއްވާނެއެވެ.

މިމަހުގެ 22 ވާ ހުކުރު ދުވަހު މޭރީ ބްރައުން ކައިރީގައި އޮންނަ މިނީ ޓާފް ދަނޑުގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފާ އިރު، މުބާރާތުގެ ޓީމުތަކަށް، މުބާރާތް ބާއްވާ ފަރާތުން ޖާޒީ ފޯރުކޮށްދޭނެއެވެ.

އެ މުބާރާތުގެ ތިނަދޫގެ ޒުވާނުން އެކުވެރި މާހައުލެއްގައި ބައްދަލުކޮށް، އެކުވެރިކަން އާލާކޮށްލަން ހުޅުވާލި ފުރުސަތެކެވެ. ޒުވާނުންނާ ގުޅުން ބޮޑު، އަދި ހާއްސަކޮށް ކުޅިވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެމުން ގެންދާ އަބްޅޯއަކީ އަބަދުވެސް އެފަދަ ކަންކަމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތެއް އޮޅުން ފިލުވަން ބޭނުން ނަމަ، 9991815, 9999621 އަށް ގުޅުމުން ލިބޭނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުދިޔާ އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.