ސްކޫލުތަކުން މަދިރިއާއި އެކިއެކި ސޫފާސޫފި ނައްތާލަން މަސައްކަތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރިން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ، ސްކޫލް މާހައުލަކީ ހުރިހާގޮތަަކުންޗެސް ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނެއްކަން ކަށަވަރު ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

އެގޮތުން، ސްކޫލުތަކުގައި މަދިރި އާލާވާ ތަންތަން ހޯދައި ބަލަން ވާނެ ކަމަށާއި، އަދި އެފަދަ ތަންތަން ނައްތާލައި އަދި މަދިރިން ޖެހޭފަދަ ބަލިތަކުގެ މައުލޫމާތު ދަރިވަރުންނަށް ދޭން ވާނެކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

އަދި ސްކޫލްގެ ގޯތިތެރޭގެ ސާފްތާހިރުކަމަށް ސަމާލުކަމެއްދީ، ދިޔަދޮވި ތަންތަނާއި، ފެންހަރުލާނެހެން ހުންނަ މުށި ގަސްތަކާއި، އަދި ގޯތިތެރޭގައި ހުންނަ އެފަދަ ތަންތައް ގަވައިދުން ބަލާ ޗެކްުކުރުމަށް ވަނީ އަންގާފައެވެ.

"ޗިކުންގުންޏާއާއި ޑެންގީ ފަދަ ބަލިތައް ފެތުރެނީ މަދިރީގެ ޒަރީއާއިން ކަމަށްވާތީ ސްކޫލުތަކުން މިކަމަށް ސަމާލުވެ ދަރިވަރުންގެ ރައްކާތެރިކަމަަށްޓަކައި މިފަދަ ބަލިތަކުން ރައްކާތެރިވާނެ ގޮތުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވުން އެދެމެވެ." މިނިސްޓްރީން ނެރުނު ސާކިއުލާގައިވެއެވެ.