މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތާއި ގުޅޭގޮތުން ސުވާލު ކުރުމަށް ގަވަރުނަރު އަހްމަދު ނަސީރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފާއި އާތިފް ޝަކޫރު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް ބާއްވަމުންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއްދުގެ ބައްދަލުވުމުގައި ތާވަލުކޮށްފައިވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓުގައި ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ސާފު ކުރުމެވެ.

ކޮމެޓީ ސިއްރު ކުރަން ފާސްކުރީ ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުން ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައުލޫމާތު އޭރުގެ ގަވަރުނަރު އަޒީމާ އާދަމާއި ހިއްސާކޮށްފައެވެ. ނަމަވެސް އެކަމަނާ އެކަމާ އަޅާނުލެއްވި ކަމަށް އޭސީސީއަށް މައުލޫމާތު ދެއްވި ބޭފުޅުން ވިދާޅުވެފައި ވެއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން އޭސީސީ އިން ނެރުނު ރިޕޯޓާއި އެކު އަނެއްކާވެސް ވަނީ ގިނަ ތުހުމަތުތަކެއް ގިނަ ބައެއްގެ މައްޗަށް ކުރެވިފައެވެ. އެމްއެމްޕީއާރްސީ ޚިޔާނާތް ހިނގިއިރު ސަރުކާރާއި ދެކޮޅު ގިނަ ބަޔަކަށް ވެސް ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބިފައި ކަމަށް ތުހުމަތު ކުރެވެއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅޭ މައްސަލަތައް މިހާރު ވެސް އޭސީސީ އިންނާއި ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.