ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ، މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ގެ އެޖެންޑާ އަކަށް ވާނީ، ރައްޔިތުންގެ އެޖެންޑާ ކަމަށް، އޭނާ ވިދާޅުވެއްޖެއެވެ.

މެޓްރިކްސް މޯޑަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައިވާ، ހިންގުންތެރި ބޭފުޅެކެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މޯޑު ތަމްޞީލްކޮށްފައިވަނީ ހިތަދޫ މެދު ދާއިރާއެވެ.

ސިޔާސީ ގޮތުން ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށްގެން، އައްޑޫ ސިޓީ އާއި މުޅި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ ޢަޒުމެއްގައި، ކުރިއަށް އޮތް އިންތިޚާބުގައި، ހިތަދޫ ދެކުނު ދާއިރާއަށް މޯޑު ކުރިމަތިލައްވަނީ، ހިތަދޫ ދެކުނު ދާއިރާ އަކީ މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވާ ދާއިރާއަށްވެފަ، ދާއިރާއަށް އިތުރު ކުރިއެރުމާއި ތަރައްްޤީ ގެނައުމުގެ އުންމީދުގައެވެ.

"އަޅުގަނޑު ވަފާތެރިވާނީ ރައްޔިތުންނަށް. އަޅުގަނޑު ޚިދުމަތް ކޮށްދޭނީ ރައްޔިތުންނަށް. ރައްޔިތުން ކުރައްވާ އިތުބާރުގައި ކޮޅުފައިން ޖަހާނެ މީހަކަށް އަޅުގަނޑު ނުވާނަން. އިސްކުރާނީ ރައްޔިތުންގެ މަސްލަޙަތު، ރައްޔިތުންގެ އަޑު އަހާ އެ އަޑު ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު އިއްވާނަން. އިތުބާރާ ޔަޤީންކަމާއި އެކު އަޅުގަނޑަށް ވޯޓު ދެއްވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެޖެންޑާ އަކަށް ވާނީ ރައްޔިތުންގެ އެޖެންޑާ." "ވަގުތު" އަށް ދެއްވި އިންޓަވިއު އެއްގައި މޯޑު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މޯޑު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.