ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ޢާންމު ކުރެވި ތަންފީޒު ކުރަމުންދާ "ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާޢިދު" ގެ ދަށުން ކުރެވޭ ޖޫރިމަނާ ފައިސާ އިއްޔެ އިން ފެށިގެން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފިއެވެ.

މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުން ކުރާ ޖޫރިމަނާ މީރާ އިން ބަލައިގަންނަން ފަށާފައި މިވަނީ ޖޫރިމަނާ ފައިސާ ދައްކާނެ ތަނެއް ނޭނގިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާޢިދުގެ ދަށުން ކުރާ ޖޫރިމަނާތަކުގެ ފައިސާ 5 މާރިޗު އިން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކެވުމަށް ދަންނަވާ ކަމަށެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރީތީ ޤަވާޢިދުގެ 9ވަނަ މާއްދާގެ (ހ) ގެ ދަށުން -/500ރ (ފައްސަތޭކަ ރުފިޔާ) ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ، އާންމު ތަންތަން ފިޔަވާ އެހެންތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރަމުންދާތީ، ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އެތަނެއްގެ ވެރިފަރާތް -/1000ރ (އެއްހާސް ރުފިޔާ) ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާތި ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން އެތަނެއްގެ ވެރިފަރާތް ފުރުތަމަ ފަހަރު -/500ރ (ފައްސަތޭކަ ރުފިޔާ) އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ތަނެއްކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާތި އަދި މިކަން ތަކުރާރުވެފައިވާތީ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން އެތަނެއްގެ ވެރިފަރާތް -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

ޖޫރިމަނާ ދައްކަންޖެހޭ ފަރާތަކީ، "މިނިސްޓްރީ އޮފް ހެލްތު" ކަމަށް ލިޔެ ކުރިން ދޫކޮށްފައިވާ އަދި މިހާތަނަށް ފައިސާ ނުދައްކާ ޖޫރިމަނާ ތަކުގެ ފައިސާވެސް އިއްޔެ ފެށިގެން ދައްކަންވާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށް އިއުލާނުގައި ވެއެވެ.

ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ތަންފީޒީ މުއައްސަސާތައް ގުޅިގެން އެކިއެކި މުއައްސަސާތަކަށް ލިބިފައިވާ ޤާނޫނީ އިޙުތިޞާޞްގެ ތެރެއިން ޖޫރިމަނާ ފައިސާ ނުދައްކަވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ހަނދުމަފުޅުކޮށް އަރުވާކަމަށް ވެސް އިއުލާނުގައި ވެއެވެ.

އަދި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި ޤަވާޢިދަށް ޢަމަލު ކުރެއްވުމަށާއި ޤާނުނާއި ޤަވާޢިދާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާތަކަށް ލަސް ނުކުރައްވާ ދައްކަވާ ނިންމެވުމަށް ސަމާލުވެލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސީދު

    ގަވައިތުތައް ހަދާފައި އެކަންތައްތައް ތަންފީޒް ކުރާބޮޑިތައް ތިބެނީ ފިލާފައި ސިގްރޭޓް ބޯމީހުން އެކަންބަރާބަރައް ކުރޭ

    • ހެލްތު

      ކޮންމެ މިނިސްޓްރީ އަކުންވެސް ގަވާއިދު ހަދަހަދާފައި މީހުން ޖޫރިމަނާ ކޮށްފަ މީރާ ބޮލައް ޖަހާލަނީ. ދެން ކިޔާނެ މީރާއިން ފޭރެނީޔޭ. ތީ މީރާއާ ބެހޭކަމެއްނޫން. ތިކަން މީރާއިން ކުރާކަން ނުޖެހޭނެ.

      2
      1
  2. މުހައްމަދު

    އެހެންނޫންތޯވާނީ ހުއްޓުވަން ތިބޭމީހުންނަކީވެސް އެކަން ކުރާބަޔަކަށްވަންޏާ އަމިއްލަޔަށް ކިހިނެއްތޯ ދެއަތްބުރިކުރާނީ ހެހެ މިކަންވެސް ހަރުދަނާކޮށް ކުރީމަތާ ކަމަކަށްވާނީ ފޮތެއް އޮތަކަސް އެދުރެއްނުވާނެ ބުނެއުޅޭ އުތަ ހެހެހޭ

  3. އަލީ

    ތިގަވާއިދަކީ މާލެަށް އެކަނި ހަދާފައި އޮތް ގަވާއިދެއްތަ ، މިހެންމިބުނީ ރައްރަށުގައި މީރާގެ އޮފީސްތައް ނުހުންނާނެތީ