މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ތިން ކެފޭއަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީ، އެކަން އިއުލާނުކޮށްފިއެވެ.

އެކަން ހާމަކޮށް މިއަދު އިކޮނޮޮމިކް މިނިސްޓްރީން ބުނީ، 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދިނީ ސީ ހައުސް ރެސްޓޯރެންޓާއި، ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށް ކަމަށެވެ.

މިހާތަނަށް ހަ ފަރާތަކުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަނީ އެދިފައެވެ. އެ ހަތަނުގެ ތެރެއިން ތިން ތަނަށް އެ ހުއްދަ ދިންއިރު، ބާކީ ހުރި ތިން ތަނަށް ހުއްދަދެވޭވަރު ވާނީ ކޮން ދުވަހަކު ކަމެއް އަދި އެ މިނިސްޓްރީން ބުނެފައެއް ނުވެއެވެ.

24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓޭނެ ގޮތަށް އެއްވެސް ފިހާރައަކަށް ހުއްދަ ދީފައި ނުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދެވޭނީ ވަކި ސަރަހައްދުތަކެއްގައި ހުންނަ އެފަދަ ތަންތަން ކަމަށް ބުނެފައެވެ. އަދި އެފަދަ ސަރަހައްދުތައް ވަނީ ކަނޑައަޅާފައެވެ. އެ ސަރަހައްދުތަކަކީ މާލޭގެ ބޮޑެތި މަގުތަކުގައި ހުންނަ ތަންތަނެވެ.

މިނިސްޓްރީން ބުނީ، އެ ހުއްދަ ދޭ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަަމަށެވެ.

އެ ހުއްދަ އެ ތިން ތަނަށް ދީފައި ވަނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުކަމައެެވެ.

24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުދުފާ

    ސިނގިރެޓް ވިއްކޭނެތަ؟ އެއީ މަގޭ ޒަރޫރީބޭނުމެއް.

  2. ޢަލީ

    ކޮބާ މަސްވެރިންގެ ހޮޓާ، މީހަކު ނުބުންޏަސް އަދި ނޭދުނަސް އެތަނަށް ދޭންޖެހޭނެ، އެއީ މުހިންމުތަނެއް، އެއީ ދައުލަތުގެ އިމާރާތެއް، އެތަން ހިފާބަޔަކު އެތަން ހިންގަންޖެހޭނީ 24 ގަޑިއިރުކަމަށް ކަނޑައަޅަންޖެހޭނެ، އެތަނަށް ހުއްދަ ދިނުމަށް ގޮވާލަން.